އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި އެ މަނިކުފާނުގެ ދައުރު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާކުރެއްވުމަށް ފަހު ގައުމާއި މުހާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންޑިއާ އާއި އަވަށްޓެރި ޤައުމުތަކާ އެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި އެ މަނިކުފާނުގެ ދައުރު ފުރިހަމައަށް އަދާކުރައްވާނެ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ވޭތުވެދިޔަ ފަސްއަހަރު ދިވެހިރާއްޖެ އޮތީ ބައިނަލްއަގްވާމީ މުޖުތަމައާ ވަކިވެ އެކަހެރިވެފައި ކަމަށެވެ.
"އަދު އަޅުގަނޑުމެންނަށް ފެންނަން އޮތް ސާފު ޙަޤީޤަތަކީ، ދިވެހިރާއްޖެ ވޭތުވެދިޔަ ފަސް އަހަރު އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢާ ވަކިވެ، އެކަހެރިވެފައިކަން. ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ، އަޅުގަނޑުމެންގެ އިސް ވާޖިބު" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ، އެ މަނިކުފާނުގެ އެންމެ އިސް ވާޖިބު ކަމަށާއި، ޚާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ކަމަށެވެ.
ޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށް ކަމަށެވެ. ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވާ އަދި ރާއްޖެއާއެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ޤައުމުތަކާއެކު އެ މަނިކުފާނުގެ ސަރުކާރެއްގައި ގުޅުން ބަދަހިކުރައްވާނެ ކަމަށެވެ.
ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ވޭތުވެދިޔަ ފަސްއަހަރު އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ޚަރިޖީ ގުޅުން ވަނީ ހީނަރުވެގެން ގޮސްފައެވެ.