އިންތިހާބީ ރައީސް ހުވާކުރެއްވުމާ ގުޅުވައިގެން އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ނިންމާނެ ކަން ރާއްޖެއެމްވީ އަށް އެނގިއްޖެއެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދެއްވި ގޮތުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމާ ގުޅިގެން އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ސޯލިހު އިއުލާނުކުރައްވާނެ ކަމަށެވެ. "ދުޅަހެޔޮ ހަށިހެޔޮ ޢީދު" ގެ ނަމުގައި ސްޕޯރޓްސް ފެސްޓިވަލެއް ބާއްވަން ވެސް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ނިންމާފައެވެ. މިހަރަކާތްތައް އާދިއްތަ ދުވަހުގެ މެންދުރު 02:00 އިން ފެށިގެން 06:00 އަށް ކުރިއަށްދާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. އަދި ޖެހިގެން އަންނަ ހޯމަ ދުވަހު ވެސް ކުޅިވަރު ހަރަކާތްތައް ކުރިއަށް ދާނެއެވެ.
މި ފެސްޓިވަލަކީ މާލޭގައި ދިރިއުޅޭ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ސްޕޯޓްސް ފެސްޓިވަލެއް ކަމަށް ސްޕޯޓްސް ފެސްޓިވަލް އިންތިޒާމް ކުރާ ކޮމިޓީއިން މައުލޫމާތުދެއެވެ.
އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑާއަޅާއިރު އަންނަ އަންގާރަ ދުވަހަކަކީ ވެސް ސަރުކާރު ބަންދު ދުވަހެވެ. އެދުވަހަކީ ކީރިތި ރަސޫލާ އީދުމީލާދީ ދުވަހެވެ. ނަމަވެސް ދެމެދަށް ވަންނަ ހޯމަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާނެ ކަން ނުވަތަ ނޫންކަން އަދި ވަނީ ކަށަވަރު ނުކުރެވިއެވެ.