ފްލެޓް ލިބުނު ކަމުގެ ލިޔުން ހައުސިންގ މިނިސްޓްރީއިން ހަވާލުކޮށްފައި ނުވާތީ، އެތައް ސަތޭކަ ބަޔަކު ހޮނިހިރު ދުވަހު ހައުސިންގ މިނިސްޓްރީ ދޮށުގައި ކިޔޫގައި ޖެހިއްޖެއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ 7000 ފްލެޓްގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ލިބުނު ކަމުގެ ލިޔުން އަދިވެސް ލިބިފައިނުވާ މީހުން ހައުސިންގ މިނިސްޓްރީ ދޮށުގައި ކިޔޫގައި ޖެހިފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ކިޔޫގައި ޖެހިފައި ވަނީ ހުކުރުދުވަހުގެ ހުކުރު ވަގުތަށް ފަހުގައެވެ.
ފްލެޓްގެ ލިޔުން ދޫކުރުމާ ބެހޭ ގޮތުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ހުކުރުދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ފްލެޓްގެ ލިޔުން ހަވާލުކުރުން ހުކުރު ދުވަހުގެ ރޭ 12 ޖެހުމާއި ހަމައަށް ނުނިމިއްޖެ ނަމަ ހޮނިހިރު ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ހުއްޓާނުލައި އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި އެކަމަށް އެޓާނީ ޖެނެރަލްގެ ލަފާ ލިބިފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އެހެން ވިދާޅުވެފައިވީ ނަމަވެސް ހޮނިހިރުދުވަހުގެ މެންދުރު ދޭއް ޖެހިއިރު ވެސް ފްލެޓް ލިބުނު ކަމުގެ ލިޔުން ނުލިބިގެން ހައުސިންގ މިނިސްޓްރީ ބޭރުގައި އެތައް ސަތޭކަ ބަޔަކުވަނީ ކިޔޫގައި ޖެހިފައެވެ. ހައުސިންގ މިނިސްޓްރީ ބޭރުގައި ތިބި މީހުން މެންދުރު އަވީގައި ކިޔޫގައި ޖެހިފައިވާއިރު، ކިޔޫ ތަރުތީބު ބެލެހެއްޓުމަށްޓަކާ އެއްވެސް ފުލުހެއް ވެސް އެ ސަރަހައްދުގައި ނެތެއެވެ. ކޮންމެވެސް ވަރަކަށް އެ ތެރޭގައި ފުލުހުން ހަރަކާތްތެރިވެފައި ވެއެވެ.
ގަދަ އަވީގައި ރައްޔިތުން ހައުސިންގ މިނިސްޓްރީ ބޭރުގައި ތިބެވަނީ ޝަކުވާކޮށްފައެވެ. އެ ފަރާތްތަކުން ބޯހިޔާވަހިކަމަށް ބޭނުންވާ ރައްޔިތުން ސަރުކާރުން ގަނަތަޅުވަމުން ދާ ކަމަށާއި، އެންމެ ފަހު ވަގުތު ވެސް ފެނިގެންދަނީ ސަރުކާރުން ރައްޔިތުން ހާލުގައި ޖެއްސި މަންޒަރު ކަމަށެވެ. އަދި ބޭރުގައި ތިބި ފަރާތްތަކަށް ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކުރާނީ ކޮން އިރަކު ކަމެއް އެ ފަރާތްތަކަށް ނޭނގެއެވެ. އަދި ހައުސިންގ މިނިސްޓްރީ ތެރޭގައި އެކަމަށް ޖަވާބުދެވޭނެ ވެރިއެއް ނެވެސް ތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ހައުސިންގ މިނިސްޓްރީގެ އެތެރެއަށް މިނިސްޓްރީގެ މުވައްޒިފުން ފިޔަވާ އެއްވެސް ބަޔަކަށް ވަނުމުގެ ފުރުސަތު ލިބިފައިނުވާތީ، ބޭރުގައި ކިޔޫ ހަދާފައިވާ ފަރާތްތަކަށް ލިޔުން ލިބޭނީ ކޮންއިރަކުތޯ ބެލުމަށް ރާއްޖެ އެމްވީން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނީ ހެނދުނު ކޮންމެ ވެސް ވަރަކަށް މީހުން ވެއްދި ކަމަށާއި ނަމަވެސް ފަހުން ޕްރިންޓަރުގައި މައްސަލަތަކެއް ޖެހި އަލުން ސިޓީތަކެއް ޕްރިންޓްކުރަނީ ކަމަށް ބުނެ އެކި ވަގުތުތައް ދީފައިވާ ކަމަށެވެ. ހަމައެކަނި ލިޔުން ދޫކުރަމުން ގެންދިޔައީ ގުޅިފަޅު ފްލެޓްތަކަށް ލާރި ދައްކައި ފްލެޓް ނުލިބި ތިބި ފަރާތްތަކާއި ޓާޓާ ފްލެޓްތައް ލިބި ފައިސާ ނުދެއްކިގެން ފްލެޓް ގެއްލުނު މީހުންގެ ތެރެއިން މި ފަހަރު ފްލެޓް ލިބުނު ފަރާތްތަކަށް އެކަނި ކަމަށް އެތަނުގައި ތިބި ފަރާތްތަކުން ބުންޏެވެ.

ހައުސިންގ މިނިސްޓްރީ ދޮށުގައި ތިބި ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެ މީހުން ކިޔޫގައި ޖެހިފައިވަނީ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ މީހުންގެ ނަން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓްގައި އޮތްއިރު އެ ފަރާތްތަކަށް އަދިވެސް ހައުސިންގ މިނިސްޓްރީއިން ގުޅާފައެއް ވެސް ނުވެއެވެ.
އަނެއް ބަޔަކު ބުނީ ހައުސިން މިނިސްޓްރީން ބުނެފައިވާ ވަގުތު މިހާރު ހަމަވެފައިވާތީ ދެން ލިޔުން ލިބޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި މިނިސްޓަރު މުއިއްޒުގެ ބޭނުމަކީ އާ ރައީސް ހުވާކުރައްވާ ރަސްމިއްޔާތު ކުރިއަށްދާ ވަގުތު ހަމަނުޖެހުންތަކެއް އުފެއްދުން ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ފަރާތްތަކަށް ހުތުރު މަންޒަރެއް ދެެއްކުމަކީ އޭގެ މަގުސަދު ކަމަށް އެތާ ތިބި ބައެއް މީހުން ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނީ "ހިޔާ" މަޝްރޫއުގެ ދަށުން މިހާރު ތަރައްގީކުރަމުން އަންނަ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް މި އަންނަ އަހަރުގެ އޭޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި ނިމި އެތަންތަނަށް ވަދެވޭ ވަރުވާނެ ކަމަށް ކޮންޓްރެކްޓަރުންނާ ހަވާލާދީ އެޗްޑީސީން ބުނެފައިވާ ކަމަށެވެ. އެ ފްލެޓްތައް ތަރައްގީކުރަނީ 25 ބުރީގެ 16 ޓަވަރުގައި ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރާ މި ތަންތަނުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ފްލެޓްތަކުގެ ލިޔުން ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަން ފަށާފައިވާ އިރު ފްލެޓްތައް ދިން ގޮތާ މެދު ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ލިސްޓް ފައިނަލްކުރި އިރު ހަމައެކަނި ދީފައިވާ މައުލޫމާތުތަކަށް ބަރޯސާވެ އެކަށީގެންވާ ވަރަށް ޗެކްކޮށްފައި ނެތުމާއި އެއް ޝަރުތުތަކެއް ހަމަވި ނަމަވެސް އެއް ބަޔަކަށް ލިބިފައި އަނެއް ބަޔަކަށް ފްލެޓް ނުލިބުމުގެ މައްސަލަ ވެސް ފާހަގަކުރެވިފައި ވެއެވެ. އަދި މީގެ ކުރިން ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ޓާޓާ ފްލެޓަކުން ބައެއް އޮފީސްތަކާއި ދާއިރާތަކަށް ހާއްސަކުރި ފްލެޓް މިހާރު ލިބިފައިވާ ފަރާތްތައް ވެސް ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓްގައި ހިމެނިފައިވުން ފަދަ ބޮޑެތި މައްސަލަތައް ފާހަގަކުރެވިފައި ވެއެވެ. މީގެ އިތުރުން ސަރުކާރު ބަދަލުވާން އެންމެ ދުވަހަކަށް ވެފައިވަނިކޮށް އަވަސް އަރުވާލައިގެން ފްލެޓްތަކުގެ ލިޔުން ދޫކުރާތީ ވެސް ގިނަ ބަޔަކު ދަނީ އެކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.