ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ހ. ދޫވެއްސަށް ބަދަލުވެވަޑައިގެންފި އެވެ.
ހޮނިހިރު ދުވަހުގެ ހަވީރު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާއިރު ރައީސް ޔާމީން ދޫވެއްސަށް ބަދަލުވެވަޑައިގެންފައި މިވަނީ ވެރިކަމުގެ އެންމެ ފަހު ދުވަހުއެވެ.
ހ. ދޫވެއްސަކީ ރައީސް ޔާމީންގެ ވެރިކަމުގައި، ގަލޮޅު އަލިކިލެގެފާނު މަގުގައި ހުރި އެމަނިކުފާނުގެ ގެކޮޅާއި ލާޖެއްސުމަށްފަހު އެމަނިކުފާނު ހޯއްދެވި ގެއެކެވެ.
ބޮޑުތަކުރުފާނު މަގުން ހެންވޭރު އާރޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ހ. ދޫވެހި އިމާރާތްކޮށް ނުނިމުނު ނަމަވެސް އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާ ވަނީ މުޅިން ނިންމައިފަ އެވެ.
ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވި ގ. ދޫވެހި ލާޖައްސާފައި ވަނީ ހ. ނޫފަރު ގެއާއެވެ. އެއަށް ފަހު ދެ ގޭގެ ނަން ވަނީ ބަދަލުކޮށްފަ އެވެ. ކުރިން ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވި ގެއަކީ މިހާރު ގ. ނޫފަރެވެ.
ވެރިކަމުގެ ކުރީކޮޅު ގ. ދޫވެހީގައި ދިރިއުޅުއްވިނަމަވެސް، ދައުލަތުގެ ޚަރަދުގައި އެގޭގެ ބައެއް މަސައްކަތްތައް ކުރެއްވުމަށްފަހު ފަހުން ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވީ އޭގެ ކުރިން އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދިރިއުޅުއްވި ދައުލަތުގެ ގެކޮޅުކަމަށްވާ ހިލާލީގޭގައެވެ.