އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވާ ރަސްމިއްޔާތަށް ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމާރުތުންގާ ރާއްޖެ ވަޑައިގެންފިއެވެ.
މިއަދު ޗަންދްރިކާ މާލެ ވަޑައިގެންފައިވާއިރު، އެކަމަނާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދުއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، މިހާރު ވެރިކަމާއި ހަވާލުވި ކޯލިޝަން އުފެދުނު ދުވަސްވަރު ޗަންދްރިކާވަނީ އުފެދުނު ކޯލިޝަނަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން އެކަމަނާ ވިދާޅުވެފައިވަނީ ރާއްޖެއާއި ސްރީލަންކާއަކީވެސް ސިޔާސީ ގޮތުން ގިނަ މައްސަލަތަކަކާއި ކުރިމަތިލަމުންދާ ދެ ޤައުމު ކަމަށާއި، ޑިމޮކްރަސީ ކަށަވަރުކޮށް މަދަނީ އަދި ސިޔާސީ ހައްޤުތައް ރައްކާތެރި ކުރުމަށް އުފެއްދި ކޯލިޝަނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ޗަންދްރިކާގެ އިތުރުން ސީޝެލްސްގެ ދިވެހި ދަރިކޮޅުގެ ވަޒީރެއް ކަމަށްވާ މުހައްމަދު އަފީފްވެސް ވަނީ އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް މިއަދު ރާއްޖެ ވަޑައިގެންފައެވެ.