އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް މަލޭ ސިޓީގެ ބައެއް މަގުތަކާއި ސިނަމާލެ ބްރިޖު ބަންދު ކުރުމަށް ފުލުހުން ނިއްމައިފިއެވެ.
ފުލުހުން ބުނީ ހޮނިހިރު ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މާލޭ ސިޓީގެ ބައެއް މަގުތަކާއި ސިނަމާލެ ބްރިޖް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މެންދުރުފަހު 2:00 ން ރޭގަނޑުގެ 7:00 އަށް ބަނދުވާނެ ކަމަށެވެ. އެ ގޮތުން ހުކުރު ދުވަހު ވެސް ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 7:00 އަށް އެކި ވަގުތުތަކުގައި ސިނަމާލެ ބްރިޖް ބަންދުވާނެ ކަމަށް ޓްރެފިކް ފުލުހުން ބުނެއެވެ. އެގޮތުން ބްރިޖް ބަންދުކުރަނީ ބޭރުގެ އިއްޒަތްތެރިން ވަޑައިގަންނަވާ ވަގުތުތަކުގައެވެ.
ބަންދުކުރުމަށް ހަމަޖެހިފައި ވަނީ ބްރިޖާއި ބްރިޖާ ގުޅިފައިވާ ބޮޑުތަކުރުފާނު މަގުގެ ބައެއް ހިސާބުތަކާއި މަޖީދީ މަގުން ފެށިގެން ގަލޮޅު ދަނޑާ ހަމައަށެވެ. އަދި ރަސްމިއްޔާތު ކުރިއަށްދާ ވަގުތު ޖުމްހޫރީ މައިދާނު ސަރަހައްދާއި ރަސްމިއްޔާތު ބާއްވާ ގަލޮޅު ދަނޑުގެ ވަށައިގެންވާ މަގުތައް ވެސް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންތިޚާބީ ރައީސް ސޯލިހްގެ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު މިރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ބޭރު ގައުމުތަކުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހި ފައެވެ.
މީގެ އިތުރުން ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި 12000 އަށް ވުރެ ގިނަ އާންމުންނަށް ވަނީ ދައުވަތު ދީފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މިހާ ކުލަ ގަދަކޮށް ބާއްވާ ފުރަތަމަ ފަހަރެވެ.