ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބަރގެ ހިދުމަތާއި އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމުގައިވާ ދިރާގު ޓީވީގެ ހިދުމަތް ގދ. ގައްދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ދިރާގުން ބުނި ގޮތުގައި ފައިބަރގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން "ފައިބަރ ޓު ދަ ހޯމް"ގެ ހިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލެގެ އިތުރުން 40 ރަށަކަށް ވަނީ ފޯރުކޮށްދީ ނިމިފައެވެ.
ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގުން ބުނީ މި ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތް ކަމަށެވެ. މިހާރު ގދ. ގައްދޫގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކަށް މި ހިދުމަތް ފުރިހަމަޔަށް ލިބެމުންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ދިރާގުން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. މި ޕްރޮމޯޝަނުގައި ގެއަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް ތިން މަސް ދުވަސް ވަންދެން މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި ހިނގާ ނޮވެމްބަރ މަހުގެ ނިޔަލަށެވެ.