ކަމެއް ގޯސްވެގެން ގޮސް އުއްމީދު ގެއްލޭ ހިސާބަށްދަނީ އެންމެ ކަމެއް ފުރިހަމަ ނުވެގެން ކަމަށާއި އެއީ ކަންކަމުގައި މަޝްވަރާ ނުކުރެވުމުން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ މަޝްވަރާ ކުރެވޭނެ ގޮތް ވުމަކީ ހުރިހާ ކަމެއްގެ ޙައްލު ކަމަށެވެ. އެގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ފަރާތުން ފެނިގެންދިޔައީ އެފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަޝްވަރާ ދެއްވުމަށް މަހަކު މަދުވެގެން އެއްފަހަރު އިއްތިހާދުގެ ހަތަރު ލީޑަރުން ބައްދަލުކުރެއްވުމަށް ނިންމެވުމަކީ ރައީސް ސޯލިހުގެ ވެރިކަން ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނެ ކަމުގެ ނިޝާނެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ފައިސަލް ނަސީމް އާއި އެކު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުން ބޭއްވި ފުރަތަމަ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި އެ ހަތަރު ލީޑަރުންވެސް ވިދާޅުވީ ރައީސް އިބޫއަށް މަޝްވަރާ ދެއްވުމުގައި ދެމިތިއްބަވާނެ ކަމަށެވެ.
ޝިފާޒް ވިދާޅުވީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އާސަރުކާރުގެ ވެރިންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިން އެކުގައި ބައްދަލުވެ ކަންކަމުގައި މަޝްވަރާ ކުރެވުން ކަމަށެވެ.
"ދިމާވާ ކޮންމެ ކަމެއް، ޚިޔާލު ތަފާތުވާ ކޮންމެކަމެއްގައި ޚިޔާލްތައް އެއްގޮތް ކޮށްގެން، އަދި އެއްގޮތް ނުވާ ފަހަރުވެސް ކުރިއަށްދާނެ ގޮތްތަކެއް ހޯދިގެން ހުރިހާ ޕާޓީއެއް ގުޅިގެން ކުރިއަށްދާނެކަން އެއީ މިއަދު އަޅުގަނޑުމެން ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެއް" ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް އިތުރަށް ވިދާޅުވީ އެއްވެސް ބޭފުޅަކު ހަމަ ހުރެފައެއް އެއްވެސް ސިޔާސީ ޕާޓީއަކާއި ނުގުޅޭނެ ކަމަށެވެ. ކޮންމެ ބޭފުޅަކުވެސް ސިޔާސީ ޕާޓީއަކާއި ގުޅެނީ، ގައުމާއި މެދު ކުރެވޭ އުއްމީދާއި އެއްވަރަށް މަސައްކަތްކުރެވޭނެ ޕާޓީއަކާއި ކަމަށެވެ. ޝިފާޒް މިހެން ވިދާޅުވީ ސަރުކާރު ބަދަލުވުމާއެކު ބަޔެއް ފަރާތްތަކުން ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް ސޮއިކުރަމުންދާ ކަމަށް އިޝާރާތްކޮށް ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެމްޑީޕީއާ ގުޅިގެން ކުރިއަށްދާން ބޭނުންވާ އެއްވެސް ފަރާތްތަކުން އެޕާޓީއަކީ ކޮރަޕްޝަނަށް ފުރުސަތުދީގެން ކުރިއަށްދާނެ ޕާޓީއެއް ކަމަށް ނުދެކޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުގެ ކަންބޮޑުވުންތައް ދަނީ ފާހަގަ ކުރެވުމުން ކަމަށާއި، އުފެދިގެން އަންނަ ސަރުކާރުން އެފަދަ ކަންކަން ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.