މއ. ސެމީޑީލް ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައި ވަނީ ބުރާސްފަތި ދުވަހު ހަވީރު 5:20 ހާއިރުއެވެ. އެ ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑިއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ވަނީ އެ ސަރަހަށްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
9 ބުރީގެ އެ އިމާރާތުގެ 4 ވަނަ ފަންގިފިލާ އިން ފެށިގެން މައްޗަށް ހުރި އެޕާރޓްމެންޓްތަކުން މީހުން ނެރުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ ފައިޓަރުން ވަނީ ކޮށްފައެވެ. އަދި އެ އިމާރާތުގައި ތިބި މީހުން ސަލާމަތްތެރިކަމާއި އެކު އިމާރާތުން ނެރެފައި ވަނީ އިރުއޮއްސި 5:55 ހާއިރުއެވެ.
މއ. ސެމީޑީލް ގައި ރޯވި އަލިފާން ފެން ޖަހައިގެން އެއްކޮށް ކޮންޓްރޯލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 9:16 ހާއިރުއެވެ.
މި ހާދިސާގައި އެ އިމާރާތުގެ 4 ވަނަ ފަންގިފިލާ އަށާއި 3 ވަނަ ފަންގިފިލައަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.
އަލިފާނުގެ ހާދިސާ ހިނގި 4 ވަނަ ފަންގިފިލާގައި ގުދަންކޮށްފައިވާ ތަކެތީގެ ތެރޭގައި އައިސްއަލަމާރި އާއި އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ބަދިގެސާމާނު ހިމެނެއެވެ. އެތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މީގެ އިތުރުން އަލިފާން ނިއްވުމަށްޓަކައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ 3 މީހުންނަށް ދުމުގެ އަސަރުކޮށްގެން ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ފަހުން ދޫކޮށްލާފައެވެ.
މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ ތަހުގީގުކުރަމުންނެވެ.