ސަރުކާރުގެ ތިން ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ތިއްބެވި ތިން ބޭފުޅަކު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވާފައިވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުއާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރުއާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލައްމާނެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި މިތިން ބޭފުޅުން އިސްތިއުފާ ދެއްވިކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި ވިދާޅުވީ އެ ބޭފުޅުންގެ އިސްތިއުފާ ބަލައިގެންފައިވާ ކަމަށެވެ.
ސަރުކާރުގެ އިސްވެރިންތައް މަގާމުން އިސްތިއުފާ ދެއްވަމުން މިގެންދަވަނީ ރައީސް ޔާމީން އައްޔަންކުރެއްވި ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން، މަގާމުތަކުން އިސްތިއުފާދެއްވުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލާފައިވަނިކޮށްށެވެ.
އެގޮތުން މިހާރު ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އާއިޝަތު އާޒިމާ ޝަކޫރާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ކަމުގައި ހުންނެވި އަބްދުއްރައްޒާގު ހަލީމާއި އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ އަދި ރައީސް އޮފީހުގެ ސޯޝަލް އެފެއާޒް ސްޓޭޓް މިނިސްޓަރު މަގާމުގައި ހުންނެވި މުހައްމަދު ޣައްސާން މައުމޫން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.