ލޯނުގެ ގޮތުގައި އެމްޓީސީސީއިން ގެނައި މަހާޖައްރާފަށް ކޮންމެ މަހަކު 5 ލައްކަ ޑޮލަރު ދައްކަންޖެހޭ ކަމަށް ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ޙާލަތު ދިރާސާކުރުމަށް ނެގި ޓްރާންސިޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އިލްޔާސް ވިދާޅުވީ ސަރުކާރުން ގަނެފައިވާ މަހާޖައްރާފަށް ލޯނުގެ ގޮތުގައި އެކަނިވެސް މަހަކު ފަސް ލައްކަ ޑޮލަރު ދައްކަން ޖެހޭކަމަށެވެ.
"މަހާޖައްރާފުގެ މެއިންޓަނެންސްއާއި މޯބަލައިޒޭޝަންގެ ޚަރަދު ނުހިމަނާވެސް މަހަކު ފަސް ލައްކަ ޑޮލަރު ހަމައެކަނި ލޯނުގެ ގޮތުގައި ދައްކަން ޖެހޭ. ލޯނުގެ ފައިސާ ޖެނެރޭޓް ކުރާނެ ގޮތަކާއިމެދު ސުވާލު އުފެދޭ،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ މަހާޖައްރާފަކީ ކޮންމެ މީހަކަށް ބެލެހެއްޓޭނެ އެއްޗެއް ނޫން ކަމަށާއި، އެކަމަށް ޤާބިލު، އެކަށޭނަ އިންޖިނިއަރުންވެސް ބޭނުންވާ ކަމަށެވެ.
މަހާޖައްރާފު އެންމެ ފުރަތަމަ ގަނެފައިވަނީވެސް އެމް.ޓީ.ސީ.ސީ ގެ ލަފައަކާއި ނުލާ ކަމަށާއި، އެއީ ސަރުކާރުގެ ނިންމުމެއް ކަމަށް ޓްރާންސިޝަން ކޮމިޓީއިންވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ސަރުކާރުން ލޯނު ނެގުމަށްފަހު މަހާޖައްރާފު ގަނެ، އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށާއި ސަރުކާރުގެ ހިއްސާ އިތުރުވާ ގޮތަށް ހިއްސާ ހަމަޖައްސައި، ކުންފުނީގެ ޕަބްލިކް ހިއްސާދާރުން މަދުކޮށްފައިވާ ކަމަށްވެސް ކޮމިޓީއިން ވަނީ ފާހަގަކޮށްފައެވެ.