ދައުލަތުގެ ބަޖެޓް މިހާރު ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރު ކުރުމުގެ ޖާގައެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ މުނައްވަރު ވިދާޅުވީ، ބަޖެޓް ބޮޑުކޮށްފި ކަމުގައިވާ ނަމަ ދަރަނި އަނެއްކާވެސް ބޮޑުވެގެންދާނެއެވެ. އެގޮތުން ދައުލަތުގެ ދަރަނި 60 ޕަސެންޓަށްވުރެ މަތިވެގެންދާނެއެވެ.
މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ޑެފިސިޓް ފަސް ޕަސެންޓުގައި ހުރި އިރު އެއަށްވުރެ މަތި ވެގެންދިއުމަކީ ގައުމުގެ އިގްތިދާސަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.
"ޑެފިސިޓް ފަސް ޕަސެންޓަށްވުރެ މަތިވި ކަމުގައިވާނަމަ ނުވަތަ ޑަބަލް ޑިޖިޓްގެ އިތުރުވުމެއް އައިސްފިކަމުގައިވާ ނަމަ ދަރަނި އިންތިހާއަށް މަތިވެގެންދާނެ. ހާއްސަކޮށް ބޭރުގެ ދަރަނި އިތުރުވެގެންދާ ކަމުގައިވާ ނަމަ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖް ކުރުމަށް ދަތިވާނެ," މިނިސްޓަރ ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނި ހުރީ 48 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރެއިން 21 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. ރާއްޖެއަކީ ދަރަނި ބޮޑު ގައުމަކަށްވާ އިރު ދަރަނި މެނޭޖް ކުރުމުގައި ރަނގަޅު އުސޫލުތަކެއް އާ ސަރުކާރުން ވެސް ގެންގުޅެން ވިސްނަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަންޏަކީ ފަސް އަހަރަކުން ކުރިމަތިވެފައިވާ ކަމެއް ނޫން ކަމަށާއި މިދަރަނިތަކުގައި މިހާރުން މިހާރަށް ވެސް އިތުރު ގޮތްތަކެއް ހޯދިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިސާލަކަށް އެމްއެމްއޭގެ ދަރަނި. ކުރީގެ ސަރުކާރު ތަކުން ފައިސާ ޗާޕު ކުރުމަށްޓަކާ ނަގާފައިވާ ދަރަނިތަކެއް. މިއެއްޗެހި ވަނީ ބޮންޑަށް ބަދަލު ކުރެވިފައި. ޕެންޝަން ރެކްރުޓްގެ ގޮތުގައި ނަގާފައިވާ ދަރަނި ވެސް ހިމެނޭ. އެ ދެ ދަރަނި އެއްކޮށްލައިފި ކަމުގައިވާ ނަމަ 16 ޕަސެންޓް މުޅި ދަރަނީގެ ހިއްސާވާނެ،" މިނިސްޓަރ ވިދަޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ދައުލަތުގެ ދަރަނި މައިގަނޑު ގޮތެއްގައި އެހާ ބޮޑުވެފައި ވަނީ ދައުލަތުގެ ވަސީލަތްތައް އަގު ނުކުރެވުމާއި މާކުރިން ނަގާފައިވާ ދަރަނިތައް މެނޭޖް ނުކުރެވުމެވެ. އެދަރަނިތަކަކީ، ކުޑަ ކުރެވޭނެ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.