ދައުލަތަށް މިވަގުތު އެންމެ މުހިއްމީ ގައުމުގެ ވަސީލަތްތައް އޮޑިޓްކޮށް ފުރިހަމައަށް އަގު ކުރުން ކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ މުނައްވަރު ވިދާޅުވީ، ދައުލަތުގެ ބިމާއި ވަސީލަތްތައް ބޭނުން ކުރުމުގައި މިހާރަށް ވުރެ ރަނގަޅު އުސޫލުތަކެއް އެކުލަވާލަންޖެހޭ ކަމަށެވެ. ވަސީލަތްތައް ފުރިހަމައަށް ބޭނުން ކުރެވޭނީ ރަނގަޅަށް ވަސީލަތްތައް އަގު ކުރެވިގެން ކަމަށެވެ. އެގޮތުން ރިސޯސް މެޕެއް އެކުލަވުމަށް އޮޑިޓެއް ކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ބިމާއި ފަޅުތައް އަގު ކުރެވުމުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި ބިން ތަރައްގީ ކުރުމުގައިވެސް ރަނގަޅު ޕްލޭނެއް ބޭނުންވާ ކަމަށެވެ. ބިން ތަރައްގީ ކުރުމުގައި ސަރުކާރަށް ފައިދާވާނެ ގޮތަކަށް އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ކަމަށާއި އޭރުން ދައުލަތަށް އަންނަ ބުރަ ކުޑަވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން ވަގުފް ކޮންސެޕްޓަށް މިހާރުވެސް މަޝްރޫއުތައް ހިންގަމުންދާ ނަމަވެސް ގިނަ މަޝްރޫއުތަކެއް އުސޫލުގެ ތެރެއިން ހިންގަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރުވެސް މާލޭގައި އެބަހުރި ދައުލަތުގެ ބިންތައް ތަރައްގީ ނުކުރެވި، މިކަންކަން ކުރެވިގެންދާނީ ރަނގަޅު އުސޫލުތަކާއެކު. މިސާލަކަށް ވަގުފް ކޮންސެޕްޓަށް ދިގު މުއްދަތަށް ދީގެން ކުރިއަށްގެންދެވިދާނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެއަރޕޯޓް ތަރައްގީ ކުރުމުގައިވެސް އެއާ ގުޅިގެން އަންނަ ތަރައްގީގެ ޕްލޭންތައް އަންނަންޖެހޭ ކަމަށާއި ފަތުރުވެރިކަން ފުޅާ ކުރެވޭނެ މަޝްރޫއުތައްވެސް އެސަރަހައްދުތަކުގައި ހިންގޭނެ ކަމަށެވެ.