ޗާންދަނީ މަގުގައި ހުރި މައްޗަންގޯޅި ސެމިޑީލްގޭގެ ހަތަރު ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ، ސެމިޑީލްގޭ ހަތަރު ވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 5:35 ގައި ކަމަށެވެ. އަދި އެގޭގެ ތެރެއިން ވަރަށް ބޮޑަށް ދުން އަރަމުން ދިޔަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައި ވަނީ ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ތަނެއްގައި ކަމަށާއި ދުންގަނޑު ބޯ ކަމުން ރޯވެފައި ވަނީ ކިހާ މިންވަރަކަށްކަން ނޭނގޭ ކަމަށެވެ. އަދި އަލިފާން ރޯވެފައިވާ ފްލޯގައި އަދިވެސް އަލިފާނުގެ އަސަރު ހުރުމުން، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އިރު އޮއްސުނު ވަގުތު ސިފައިން މައުލޫމާތު ދިނެވެ.