އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު ގެނައުމުގައި އިސްކޮށް ތިއްބެވި ހަތަރު ލީޑަރުން މަދުވެގެން ކޮންމެ މަހަކު އެއްފަހަރު ބައްދަލުވުން ބޭއްވުމަށް އެ ލީޑަރުން ބުރާސްފަތި ދުވަހު އެއްބަސްވެ ވަޑަައިގެންފިއެވެ.
އިންތިޚާބީ ރައީސް ސާލިހް އާއި އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކުގައި ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާ އާ ވާހަކަ ދައްކަވަމުން ސާލިހް ވިދާޅުވީ މަހަކު އެއް ފަހަރު ހަތަރު ލީޑަރުންގެ މެދުގައި މަދުވެގެން އެއް ބައްދަލުވުން ބޭއްވުމަށްފަހު އަދި މަސައްކަތްތަކަށް ބެލުމަށް ފަހު، އިތުރު ބައްދަލުވުމެއް ބާއްވަން ބޭނުން ނަމަ އެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކެބިނެޓް އެކުލަވައިލުމާ ގުޅޭ ގޮތުން ވެސް ލީޑަރުން ވަނީ އެއްބަސްވުމަކަށް ވަޑައިގެންފައެވެ. މީގެއިތުރުން މިހާރު އޮތް ކޯލިޝަން ދެމެހެއްޓުމަށް ވެސް އެއްބަސްވި ކަމަށް ރައީސް ސާލިޙް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ވޭތުވެދިޔަ ތާނގައި ރާއްޖޭގައި ފެނިގެން ދިޔަ ފަދަ ކަންތައްތަކެއް ދެން ފެންނަން އެދިވަޑައި ނުގަންނަވާކަމަށެވެ. މީހުންނާ ދޭތެރޭގައި ގާނޫނާ ގަވާއިދާ ޚިލާފަށް ބާރުގެ ބޭނުން ކޮށްގެން އަމަލުކޮށް، މީހުން ބަންދުކޮށް، އަދި އެ މީހުންގެ ދިރިއުޅުން އެގޮތް މިގޮތަށް ބަރުބާދުކޮށްލުން އެއީ އެދިވަޑައިގަންނަވާގޮތް ނޫންކަމަށް މައުމޫން ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި، އާ ސަރުކާރުގެ ކެބިނެޓް އެކުލަވައިލައްވާނީ ރައީސް އަށް އިތުބާރު ކުރެއްވޭ ބޭފުޅުން ހިމަނުއްވައިގެންނެވެ. ނަމަވެސް، ކެބިނެޓް އެކުލަވައިލައްވާއިރު، އިންތިޚާބު ވެވަޑައިގެންނެވީ އިއްތިހާދަކުން ކަން ހަނދުމަފުޅު ބަހައްޓަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ އެބޭފުޅުން ތިއްބެވީ ކޯލިޝަން ދެމެހެއްޓުމަށާއި އެއްބައިވަންތަކަން އާލާކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އެދޭ އެދުން ފުރިހަމަ ކޮށްދެއްވުމަށް އަތާ އަތް ގުޅާލައްވައިގެން ކަމަށެވެ.
ޝެއިޚް އިމްރާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އެންމެ މަތީ މަޝްވަރާ އަރުވާނީ ހަތަރު ލީޑަރުން ކަމަށެވެ.
އިންތިޚާބީ ނާއިބު ރައީސް ފައިސަލް ވިދާޅުވީ ރައްޔިތުން މާޔޫސްވާނެފަދަ ގޮތަކަށް ކަންކަން ނު ގެންގޮސް އެ ގޮތުގައި ތިއްބެވުމަށް ލީޑަރުން ނިންމެވިކަމަށެވެ.
މިއީ ރައީސް އަބްދުﷲ ޔާމީންގެ ސަަރުކާރު ބަދަލުކުރުމަށް ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި ފަހުން އެއްތަނަކުން ބައްދަލުވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އެ ފަހަރު އެއްބަސްވުން އެކުލަވާލެވުނީ ވެސް އެކި ބޭފުޅުން އެކިތަނުގައި ތިއްބަވައިގެންނެވެ.