ޓުއަރިޒަމްގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ބޮޑެތި ބަދަލުތައް އަންނަންޖެހޭއިރު އެކަން ކުރިއެރުވުމަށް މިހާރާ ގުޅޭ ފުރިހަމަ މާކެޓް ޕްލޭނެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގައި ނެތް ކަމަށް ޓްރާންސިޝަން ކޮމެޓީން ބުނެފިއެވެ.
އެކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތޮއްޔިބު މުހައްމަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މެންޑޭޓަކީ ރާއްޖޭ އިން ބޭރުގެ ޓުއަރިޒަމް ޕްރޮމޯޓްކުރުން ކަމަށްވާއިރު ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ގެސްޓް ހައުސް މާކެޓަށް ނިކުތް ކަމަށާއި އެހެން ނަމަވެސް ޓުއަރިޒަމް ޕްރޮމޯޓު ކުރުމަށް ޕްލޭނެއް ނެތް ކަމަށެވެ.
ތޮއްޔިބު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެމްއެމްޕީއާރުސީގައި ހިންގާފައިވާ ކަރަޕްޝަންގެ މާބޮޑު ތަފްސީލެއް ނުލިބޭ ކަމަށާއި އެ ކޮމެޓީއަށް ލިބުނީ މިދިޔަ ދެތިން އަހަރެއްގެ މަސައްކަތް ބަދަލުވެގެން އައި ހިސާބުން ފެށިގެން ކަމަށެވެ.
"އެ ދުވަސްވަރުން ފެށިގެން އެތަނުން ކުރަމުން އައީ ޕޮރޮމޯޝަނަލްގެ މަސައްކަތްތައް. އޭގެ ވެސް ފުލް ފަނިނޭންޝިއަލް ރިޕޯޓެއް ނުލިބޭ. ތަނަށް ބަލާއިރު 1.3 ބިލިއަން ރުފިޔާ ލިބިފައިވޭ. ޕޭޔަބަލްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހުރިކަން،" ތޮއްޔިބު ވިދާޅުވިއެވެ.
މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީއަކީ ދަށް ފަންތީގެ ޓުއަރިޒަމް، ގެސްޓް ހައުސް ޓުއަރިޒަމް އިތުރަށް ފުޅާކޮށް ޕްރޮޖެކްޓްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށްވާއިރު އޭގެ އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމަށެވެ.
"މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އެބޭފުޅުން ވިސްނަވާފައި އޮންނަނީ ލޯކަލް ކައުންސިލްތަކާއި ގުޅިގެން އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ލޯކަލް ކައުންސިލްތަކުގެ މާބޮޑު ބައިވެރިވުމެއް ނެތި މި ޕްރޮޖެކްޓްތައް ގެންދިޔަ ކަން. " ތޮއްޔިބު ވިދާޅުވިއެވެ.
ތޮއްޔިބު ވިދާޅުވީ އެމްޓީޑީސީ އަކީ ޓުއަރިޒަމްގެ ނަފާ ގިނައަދަދަކަށް ގިނަ ބަޔަކަށް ލިބޭނެކަހަލަ މޮޑެލްއަކަށް ފަރުމާކޮށްފައިވާ ކުންފުންޏަކަށް ވާއިރު އެ ކުންފުންޏަށް ސަރުކާރުން 15 ރަށް ދޭނެކަމަށް ވައުދުވެފައިވާކަމަށެވެ. އެހެން ނަމަވެސް ދީފައިވަނީ 9 ރަށް ކަމަށާއި އޭގެ ތެރެއިން 3 ރަށުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ. އޭގެ ތެރެއިން އެއްރަށް ނިމިފައިވަނީ 30 ޕަސެންޓަށް ކަމަށް ވިދާޅުވިއެވެ. އެރަށަކީ ހދ. ނާގޯށި ކިޔާ ރަށެކެވެ.
"15 ރަށް ދޭނެ ކަމަށް ވައުދުވީ ނަމަވެސް ދީފައިވަނީ 9 ރަށް. އޭގެތެރެއިން 2 ރަށް ވިއްކާލި. 4 ރަށް ވަނީ ޓާމިނޭޓް ކުރެވިފައި މީގެތެރެއިން ބާކީ މިއޮތީ 3 ރަށް އެމްޓީޑީސީގައި. އެތިންރަށުގެ ތެރެއިން 2 ރަށް މިހާރު ކުރިއަށް އެބަދޭ ބާކީއޮތް ތިންރަށުގެ ތެރެއިން މި ޑިވެލޮޕް ކޮށްފައިވަނީ އެމްޓީޑީސީގެ ފައިސާގައި. އެހެން ނަމަެވސް 5 އަހަރު ވެއްޖެ މައްސަލަ ދިމާވެގެން އުޅޭތާ. ހައްލެއް ނުގެނެވިފައި ވަނީ ދައުލަތުން ނުވަތަ ސަރުކާރުން މިއަށް ގޮތްތަކެއް ނުނިންމިގެން. " ތޮއްޔިބު ވިދާޅުވިއެވެ.