ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރެއްގެ މަޤާމް ހުސްވާތީ އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 183 ވަނަ މާއްދާ އާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 16 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ މަޤާމު ހުސްވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށްޓަކައި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ބުދަ ދުވަހުން ފެށިގެން މިމަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 02:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިޢުލާން ކުރާ ކަމަށެވެ.
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވަނީ، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރަކު ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ޢާންމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމުގައެވެ. އަދި މި މާއްދާގެ (ނ) ގައި، މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރުން ނުވަތަ މެންބަރަކު ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަން ވާނެކަމުގައެވެ.
ކޮމިޝަނުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތައް :
1 ދިވެހި ރައްޔިތަކު ކަމުގައިވުން.
2 މުސްލިމަކު ކަމުގައިވުން.
3 ބުއްދި ސަލާމަތުން ހުރުން.
4 ޢުމުރުން 30 އަހަރުވެފައިވުން.
5 އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
6 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
7 އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
8 ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލުކުރުމަށްފަހު، ސަރުކާރު ނުވަތަ ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ޚިދުމަތްކޮށްފައިވުން.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤުރާރު ދޫކުރުން، އަދި ފޯމާއި އިޤުރާރު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި މި ފޯމާއި އިޤުރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެ ވެބްސައިޓުގެ އެޑްރެހަކީ، www.majlis.gov.mv އެވެ.