އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީއަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބުރާސްފަތި ދުވަހު ވެސް ހާޒިރު ކުރަން ނިންމައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ނާއިބު މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ ކޮމެޓީގައި ދެން ކުރިއަށް ދާނީ ހިނގަމުންދާ މަޝްރޫއުތަކާއި، އައު ސަރުކާރުގެ މަޝްރޫއުތައް ބަޖެޓްގައި ހިމަނާފައިވާ ގޮތް ދިރާސާ ކުރުން ކަމަށެވެ.
ފިނޭންސް މިނިސްޓަރު ހާޒިރުކޮށްގެން މިމަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އައު ސަރުކާރުގެ ޓްރާންސިޝަން ކޮމެޓީތަކުގައި ހިމެނޭ މަޖިލިސް މެންބަރުން ބައިވެރިކޮށްގެން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މާލިއްޔަތު ކޮމެޓީއާ އިގްތިސާދީ ކޮމެޓީގެ މެންބަރުން ހިމެނޭ ގޮތަށް އުފައްދާފައިވާ ބަޖެޓް ކޮމެޓީގެ ބައްދަލުވުން ފަށާނީ ބުރާސްފަތި ދުވަހު މެންދުރުފަހު 2:30 ގައެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުން ބުނީ އަންނަ އަހަރަށް ލަފާކޮށް ބަޖެޓް ހުށަހެޅީ އައު ސަރުކާރުން ބޭނުންވި ކަންތައްތައް ހިމެނުމަށްފަހު ކަމަށެވެ. ނަމަވެސް އެމްޑީޕީން ބުނީ އައު ސަރުކާރުން ހިންގަން ބޭނުންވާ ބައެއް ކަންކަން ބަޖެޓްގައި ނެތް ކަމަށެވެ.
އެހެންކަމުން އައު ސަރުކާރުން ބޭނުންވާ ބަދަލުތަކާއެކު އަންނަ އަހަރުގެ ބަޖެޓް ފާސްކުރަން ގިނަ ދުވަސްތަކެއް މަޖިލީހުގައި ހޭދަވުމަކީ އެކަށީގެންވާ ކަމެކެވެ.