ޖުޑިޝަލް ސާވިސަސް ކޮމިޝަންގެ ކުރީގެ މެންބަރު އާއިޝަތު ވެލެޒިނީ ބަންދުން ދޫކޮށްލައި އާއިލާ އާއި ހަވާލުކުރުމުން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ވެލެޒިނީ ދޫކޮށްލައި އާއިލާ އާއި ހަވާލުކުރީ އޭނާ އެޑްމިޓްކޮށްގެން ފަރުވާކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވާތީކަމަށެވެ.
ފުލުުހުން ބުނީ ބަންދުން ދޫކޮށްލި ނަމަވެސް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ފުލުހުން ފުރިހަމަ ކުރަމުން ގެެންދާނޭ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހުގެ ރޭ ވެލެޒިނީ ހައްޔަރުކުރީ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުމަށް ފަހު އިއްޔެ ރާއްޖެ އައުމުންނެވެ. އޭނާ ހައްޔަރުކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގަ އެވެ. އަދި އެ ފުރައްސާރަ ކުރުންތަކުގެ ސަބަބުން، އޭނާ އަކީ މުރުތައްދު ވެފައިވާ މީހެއް ކަމުގައި އިސްލާމިކް މިނިސްޓްރީން އޮތީ ކަނޑައަޅާފައެވެ.
ވެލެޒިނީ ހައްޔަރު ކުރުމުން ބައެއް މީހުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އޭނާއަކީ ނަފްސާނީ ގޮތުން ފަރުވާ ލިބެން ޖެހޭ މީހެއް ކަމަށާއި އެ ހާލަތުގައި ހުރި މީހަކު ހައްޔަރު ކޮށްގެން ނުވާނެ ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޑު ކިޔާފައިވެއެވެ.