މިހާރު ޖަލުގައި ތިއްބެވި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ގެއަށް ބަދަލު ކުރެވޭނެ މަގެއް ހޯދަން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ސައީދު މިނިވަން ކުރަން ގޮވާލައި އޭނާގެ ކޮއްކޮ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި ކުރި ހިމޭން މުޒާހަރާގެ ޚަބަރު، ފޭސްބުކްގައި ޝެއާ ކުރެއްވުމަށް ފަހު ފާއިޒް ލިޔުއްވާފައި ވަނީ ސިޔާސީ ބޭފުޅުން މިނިވަން ވަމުންދާއިރު، އަބްދުﷲ ސައީދާއި އަލީ ހަމީދު ގެއަށް ބަދަލު ކުރެވޭނެ އިންސާފުވެރި މަގެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ފާއިޒް ލިޔުއްވާފައި ވަނީ އެ ދެ ބޭފުޅުން މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމުން ޖެހިގެން އައި ދުވަހު އެ ދެ ބޭފުޅުންގެ އަނބިކަނބަލުންނަށް ވަކިވަކިން ގުޅުއްވައި، ގާނޫނީ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. އަދި އެ ބޭފުޅުންނަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމާ މެދު އޭރު ވެސް ސުވާލު އުފެއްދެވި ކަމަށް އެ މަނިކުފާނު ލިޔުއްވާފައިވެ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި އެކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދު ހައްޔަރުކޮށްފައި ވަނީ 1 ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ނު ކޮށް އެކޯޓުގެ ފުރާޅުން ޓިނު ނަގައިގެންނެވެ. އޭގެ ފަހުން އަދިވެސް އެ ދެ ބޭފުޅުން ތިއްބެވީ ޖަލުގައެވެ.