އާ ސަރުކާރުން ދެން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތައްޔަރުކޮށްފައި ވަނީ އިންތިޚާބީ ރައީސްގެ އޮފީހުން ފޮނުއްވި ގޮތަށް ކަމަށާއި، އެންމެ ސެންޓެއް ވެސް ބަދަލުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އާ ސަރުކާރުގެ ފަރާތުން ބުނެފައި ވަނީ ބަޖެޓް ހުށަހަޅަން އެކަށީގެންވާ ވަގުތު ލިބިފައި ނުވާ ކަމަށާއި އެހެން ކަމުން މިހާރު ހުށަހަޅާފައި ވަނީ އާ ސަރުކާރުގެ ބަޖެޓެއް ނޫން ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަލަށް އިންތިޚާބުވާ ސަރުކާރުގެ ހިޔާލާ އެކު ބަޖެޓް ހުށަހެޅުއްވި މިއީ ފުރަތަމަ ފަހަރު ކަމަށާއި، މި ގޮތަށް ބަޖެޓް ހުށަހެޅުއްވި މައިގަނޑު ސަބަބަކީ ވެސް އާ ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދްމަތްތަކަށް ހުއްޓުމެއް އަޔަނުދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ދެން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކި ވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއްގެ ވާހަކަ މިހާރު ދައްކަމުން އަންނަނީ ސިޔާސީ ގޮތުން ވަކި މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނަށް އަންނަ އަހަރަކީ ވަރަށް ސިޔާސީ އަހަރެއް ކަމަށް ވާއިރު، އެ މަގްސަދު ހާސިލްކުރުމުގެ ގޮތުން ސަޕްލިމެންޓްރީ ބަޖެޓެއްގެ ވާހަކަ މިހާރު ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މީހުންގެ ދާއިރާތަކަށް ބޭނުންވާ ކަންތައްތައް ހިމެނުމަށް ބަޖެޓް ކޮމިޓީގެ ތެރެއިން މަސައްކަތް ކުރެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.
"ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓަކީ އަލަށް އެކުލަވާލާ ސަރުކާރުގެ ޕޮލިސީތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ބަޖެޓެއް. ހުށަހަޅާފައިވާ ބަޖެޓަށް ދާއިރާތަކުގެ ކަންތައް ބަޖެޓް ކޮމިޓީގެ ތެރެއިން މެމްބަރުން ހިމެނުން ރަނގަޅު،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ވަގުތު ހިނގަމުންދާ ހުރިހާ މަޝްރޫއުތަކެއް ބަޖެޓްގައި ހިމަނާފައިވާނެ ކަމަށާއި، ބަޖެޓްގައި އަލަށް ހިމަނާފައި ހުރި މަޝްރޫއުތަކަކީ އިންތިޚާބީ ރައީސްގެ އޮފީހުން ނިންމަވާފައިވާ ކަންތައްތައް ކަމަށެވެ. އެގޮތުން ބަޖެޓްގައި ހިމަނާފައިވާ ޕީއެސްޕީއައި މަޝްރޫއުތަކަކީ އިންތިޚާބީ ރައީސްގެ އޮފީހުން ނިންމަވާފައިވާ މަޝްރޫއުތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރު ބަދަލުވާ އިންތިގާލީ މަރްހަލާގައި ބަޖެޓް ހުށަހެޅޭނެ އިންތިޒާމްތަކެއް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ފަރާތުން ބަޖެޓް ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ. ފައްޔާޒް ވިދާޅުވީ އާ ސަރުކާރަށް ބަޖެޓް ހުށަހެޅުމުގައި އެކަށީގެންވާ ވަގުތެއް ލިބިފައިނުވާ ކަމަށެވެ.
"ބަޖެޓް ހުށަހެޅުމުގައި ދަތިތަކެއް ހުރި. އެކަށީގެންވާ ވަގުތެއް ނުލިބޭ،" ފައްޔާޒް ވިދާޅުވިއެވެ.