ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ ހައްޔަރުކޮށްފިއެވެ.
ވެލެޒިނީ ހައްޔަރުކުރީ އަންގާރަ ދުވަހުގެ ރެ އެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން ވެލިޒިނީ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އޭނާ ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހުގައެވެ. ރާއްޖެއިން ބޭރުގައި އުޅުނު ދުވަސްވަރު ވެލެޒިނީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާމްދީނާ ހިލާފު ވާހަކަތައް ދައްކައި ރަސޫލު ކަމަށް ދައުވާ ކޮށްފައެވެ . މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ މާރިޗް 29 ވަނަ ދުވަހު އޭނާ މުރުތައްދުވެފައިވާ ކަމަށް ނިންމާފައެވެ.
ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން 14 ދުވަހުގެ ތެރޭގައި ފުލުހަށް ހާޒިރުވާން މިދިޔަ އަހަރުތެރޭގައިވެސް ވަނީ ވެލުޒިނީ އަށް އަންގާފައެވެ. ނަމަވެސް އޭނާ ފުލުހަށް ހާޒިރު ވެފައެއް ނުވެއެވެ .ވެލެޒިނީ ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. މިކަމާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ޓްވިޓާރ މެދުވެރިކޮށް ވިދާޅުވީ މުރުތައްދުވެފައިވާ މީހުން ހައްޔަރުކޮށް، ވިސްނައިދޭންޖެހޭ ކަމަށާއި ދީނަށް ފުރައްސާރަ ކޮށްފައި ސިކުނޑީގެ އުނިކަން ހުންނަ ކަމަށްބުނެ ދައްކާ އުޒުރު ބަލައި ނުގަނެވޭ ކަމަށެވެ.
ވެލެޒިނީގެ ސިކުނޑީގެ އުނިކަމެއް ހުރިތޯ އަވަހަށް ބެލުމަށް ވެސް ބައެއް މީހުން ގޮވާލާފައިވެ އެވެ.