ޕީޕީއެމުން ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައި ނު ގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން އަންގާރަ ދުވަހު ނިންމާލައިފި އެވެ.
ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުން ކުރިމަތި ވެވަޑައިގެންނެވި ނާކާމިޔާބީ އާއި އެކުއެވެ. އެ ކޮންގްރެސްގައި ޕާޓީގެ ލީޑަރަކަށް ރައީސް ޔާމީން އައްޔަން ކުރުމުގެ އިތުރުން އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބުކޮށްފައިވެއެވެ.
ކޮންގްރެސް ބޭއްވުމަށްފަހު އެކަމާއި ގުޅޭ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމް އިން ހުށަހެޅި ނަމަވެސް އެކޮމިޝަނުން ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް ނިންމިއެވެ.
އަންގާރަ ދުވަހު މެންދުރު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަތަކަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނު ޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
މި އަޑުއެހުމުގައި ޕީޕީއެމްގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތް ސަބަބު ކޮމިޝަނުން ކުރިން އެ ޕާޓީއަށް އަންގާފައި ނެތް ކަމަށާއި އެކަންކަން ކޮމިޝަނުން ހާމަކުރީ ކޯޓުގައި ކަމަށެވެ.
ޝިޔާޒް ވިދާޅުވި ގޮތުގައި ކޮންގްރެސްގެ ހުރިހާ ކަމެއް ވެސް ދިޔައީ ކޮމިޝަންގެ އޮބްޒާވަރުންގެ ހާޒިރުގަ އެވެ. އޭރު އެއިން އެއްވެސް ކަމަކަށް މަންދޫބުން ޝަކުވާކޮށް ނުވަތަ އެއްވެސް ކަމެއް ގޯސްކޮށް ހިނގާ ކަމަށް ފާހަގަކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންގްރެސް ބޭއްވީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި، އެ ޕާޓީގެ އިންތިޚާބުތަކާ ބެހޭ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރަން ނިންމުމަށް ފަހު ކަމަށާއި އެކަން އެގޮތަށް ކައުންސިލަށް ނިންމިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލް ރިފްއަތު އަބްދުﷲ ވިދާޅުވީ ކޮންގްރެސްގެ ނިންމުންތައް ބަލައި ނު ގަތުމަށް ނިންމީ ޕީޕީއެމްގެ ގަވާއިދުތަކާ ޚިލާފަށް ކޮންގްރެސްއާ ގުޅޭ ކަންކަން ކޮށްފައި ހުރި ކަން ކޮމިޝަނަށް ފާހަގަވުމުން ކަމަށާއި ކޮމިޝަނުން އެ ނިންމުން ނިންމީ ޕީޕީއެމުން ފޯރުކޮށް ދިން ލިޔުންތަކަށް ބެލުމަށް ފަހު ކަމަށެވެ.
ކޮންގްރެސްގައި ތިބި ކޮމިޝަންގެ މަންދޫބުން އެއްވެސް ކަމަކަށް ޝަކުވާ ކޮށްފައި ނެތް މައްސަލައާ ގުޅިގެން ރިފްއަތު ވިދާޅުވީ ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ބާރު އޮންނަނީ ކޮމިޝަންގެ މެމްބަރުންނަށް ކަމަށާއި އެއީ މަންދޫބުން ކުރާ ކަމެއް ނޫން ކަމަށެވެ.
މި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް ދެ ފަރާތާ އަމާޒު ކުރެއްވި އެވެ. ދެ ފަރާތަށް ފުރުސަތު ދެއްވުމަށް ފަހު ޝަރީއަތް ނިންމަވާލެއްވި ނަމަވެސް ހުކުމް ކުރުން އޮންނާނެ ތާރީޚެއް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެފައެއް ނުވެއެވެ.
މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހަސަން އަލީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފައިސަލް އެވެ.