ކުރީގެ ރައީސް މުހައްމަދު ނަޝީދު އއ އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގައި އާ ގެސްޓް ހައުސްއެއް ހުޅުވައިދެއްވައިފިއެވެ.
ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގަމުންދާ އއ އުކުޅަހުގައި އަންގާރަ ދުވަހު ހުޅުވައިދެއްވާފައިވަނީ ނަލަވެލި ބީޗް ވިލާ އެންޑް ސްޕާ އެވެ.

މިގެސްޓް ހައުސް ހުޅުވައިދެއްވުމަށްފަހު ރައީސް ނަޝީދު ވަނީ އެރަށުގެ ގެސްޓް ހައުސްތައް ބައްލަވާލައްވާފައެވެ. އަދި ރަށުގެ ބައެއް ޢާއްމު ގޭގެއަށްވެސް ޒިޔާރަތް ކުރައްވާފައެވެ.
މީގެ އިތުރުން އުކުޅަހުގެ އިންޖީނުގެ ބައްލަވައިލައްވައި އިންޖީނުގޭގެ ބޭފުޅުންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އަދި އޭގެ ކުރިން އެމަނިކުފާނު ވަނީ އެރަށުގެ ގެސްޓް ހައުސް ހިންގާ ފަރާތްތަކާ ބައްދަލު ކުރައްވާފައެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވާފައިވަނީ އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދުގެ އަނބިކަނބަލުންނާއި އެމްޑީޕީގެ ބައެއް އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށް ހުކުމްކުރިފަހުން ދަތުރުކުރެއްވި ރާއްޖޭގެ ތިންވަނަ ރަށެވެ. މީގެ ކުރިން އައްޑޫ ސިޓީއަށާއި ހއ ދިއްދޫއަށް ވަނީ ވަޑައިގެންފައެވެ.