އާ ސަރުކާރާ އެކީ ކައުންސިލްތަކުގެ މުއައްޒަފުން އިތުރު ވެގެން ދާނެ ކަމަށް ލާމަރުކަޒީ ކޮމެޓީގެ ފަރާތުން ބުނެފިއެވެ.
ލާމަރުކަޒީ ކޮމެޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި މުހައްމަދު ޝިހާބު ވިދާޅުވީ ޖަޒީރާ ރާއްޖޭގެ އެންމެ ބޮޑު ވިސްނުމަކީ ލާމަރުކަޒީ ނިޒާމެއްގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ދިނުން ކަމަށެވެ. އަދި އެ ޚިދުމަތްތައް ދެވޭނީ އެކަމަށް ބޭނުންވާ ގާބިލް މުއައްޒަފުން ހޯދައިގެން ކަމަށް ޝިހާބު ވިދާޅުވިއެވެ.
"މި ދެންނެވިހެން އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ޖަޒީރާ ރާއްޖޭގެ ވަރަށް ބޮޑު ވިސްނުމެއް މިއޮތީ ލާމަރުކަޒުކޮށް ޚިދުމަތްތައް ދިނުން. އޭގެ މާނައަކީ މިހާރުގެ ސަރުކާރުން ކުރަމުންދާ އެކިއެކި މަސައްކަތްތައް ލޯކަލް ލެވެލްއެއްގައި ދެވެން ހުރި ޚިދުމަތްތައް ރަށު ލެވެލްގައި ދިނުން ނުވަތަ އަތޮޅު ލެވެލްގައި ދިނުން. އެހެންވީމާ އެތަންތަންތަނަށް ބޭނުންވާ މުއައްޒަފުން އަޅުގަނޑުމެން ހޯދަން ޖެހޭނެ،" ޝިހާބު ވިދާޅުވިއެވެ.
އާ ސަރުކާރުގެ މެނިފެސްޓޯގައި އެތަނެއްގައި އުޅޭ ބައެއްގެ ބައިވެރިވުމާއި ބާރު ނެތި އެރަށެއް އެންމެ އެކަށީގެންވާ ގޮތުގައި ތަރައްގީ ކުރެވޭނެ ގޮތަށް ވަނީ ހިމަނާފައެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޖަޒީރާ ރާއްޖެ އެއް ބިނާ ކުރެވޭނީ ލާމަރުކަޒީ ނިޒާމެއް ތަންފީޒުކޮށް އެ ނިޒާމުގެ ތެރެއިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ލާމަރުކަޒީ ނިޒާމް ފައްކާކުރައްވާނެ ކަމަށާއި ރައްޔިތުންނާއި ކައުންސިލްތަކާއި ގުޅުވައިދީ ލާމަރުކަޒީ ނިޒާމް ބާރުވެރި ކުރުވާނެ ކަމަށެވެ.