މެޑިކަލް ޗެކަޕެއް ހެއްދެވުމަށް މެލޭޝިއާ އަށް ވަޑައިގެންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާދަމާ ރޭ މާލެ ވަޑައިގަންނަވާނެ ކަމަށް މައުމޫން ރިފޯމް މޫވްމަންޓް، އެމްއާރުއެމުން ބުނެފިއެވެ.
އެމްއާރުއެމުން ބުނީ ރައީސް މައުމޫނާ އެކު އެމަނިކުފާނުގެ އަނބިކަނބަލުން މާލެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ރިޝްވަތުގެ ތުހުމަތުތަކުގައި ފުލުހުން ހޯދި ރައީސް މައުމޫންގެ ކުރީގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާނު ވެސް އެމަނިކުފާނާ އެކު ވަޑައިގަންނަވާނެ ކަމަށް އެމްއާރުއެމުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫނު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 7:45 ގައި UL103 ގައެވެ.
މިދިޔަ ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމަނިކުފާނު ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް ހައި ކޯޓުން މިހާރު ވަނީ ބާތިލްކޮށްފައެވެ.
އެމަނިކުފާނު މެލޭޝިއާ އަށް ވަޑައިގެންފައި ވަނީ އޮކްޓޯބަރ މަހުގެ 23 ގައެވެ.