ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަނޑައަޅަން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ޖޭއެސްސީގެ މެމްބަރު ކަމަށް ފާރިސް ކަނޑައަޅާފައި ވަނީ 67 މެމްބަރުންގެ އިއްތިފާގުންނެވެ. ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ އެއް މެމްބަރަކު އިންނެވި އިރު ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ފާރިސްގެ ނަން ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަބްދުﷲ ރިޔާޒްއެވެ. އަދި އެ ނަމަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމެވެ.
ފާރިސްގެ އިތުރުން ސަރުކާރު ހިންގާ ޕީޕީއެމުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ނަން ހުށަހެޅުއްވިއެވެ. ނަމަވެސް ވޯޓަށް އެހުމުގެ ކުރިން އަހުމަދު ރަޝީދު ވަނީ އޭނާގެ ނަން ނަންގަވާފައެވެ. ރަޝީދު ވިދާޅުވީ މި ދައުރުގައި ބާކީ އޮތީ މަދު ދުވަސްކޮޅެއް ކަމަށާއި ޖޭއެސްސީގެ މެންބަރެއްގެ ދާދި ފަހުން ވެސް މަޖިލީހުން "ކަތިލެވިފައިވާއިރު" އެކަމުން ތަނާޒުލްވެވަޑައިގަންނަވާ ކަމަށެވެ.
ރަޝީދު ނަން އަނބުރާ ގެންދެވުމުން ވޯޓަށް އަހާފައި ވަނީ ވެސް ފާރިސްގެ ނަމަށް އެކަންޏެވެ.
ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކަނޑައަޅާ މެމްބަރުގެ ގޮތުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކި ކުރައްވާފައި ވަނީ 42 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ރިޒާއާ އެއްކޮޅަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. އަދި ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ އެއް މެމްބަރަކު އިންނެވިއެވެ.
އެ މައްސަލައަށް ޖަވާބުދާރީވަމުން ރިޒާ ވިދާޅުވީ އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނަވައި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް މިހާތަނަށް އެއްވެސް ކަމެއްގައި ލަފައެއް ދެއްވާފަ ނުވާ ކަމަށެވެ.
ރިޒާ ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ، ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރެއްވުމަށް ހުށަހަޅަފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުން އެ މެމްބަރުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަން ކުރައްވަމުން ނުދާތީ އާއި އަދުލްއިންސާފު ގާއިމުކުރުމުގެ ކަންކަން ހިންގެވުމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ މަޖިލީހަށް އެއްބާރުލުން ނުދެއްވައި، އަދި ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާތީ ދުނިޔޭގައި އަދުލްއިންސާފުގެ ދާއިރާ އަށް ބޮޑެތި ޝައްކުތައް ކުރެވި، އިތުބާރު ގެއްލިފައިވާތީ ކަމަށެވެ.
ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދުލްއިންސާފުގެ ދާއިރާ ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތު ކުރެވޭއިރު، ރިޒާގެ މައްޗަށް ވެސް ފަނޑިޔާރުންނަށް ނުފުޒު ފޯރުވަމުންދާކަމުގެ އަޑުތަކެއް ފެތުރިފައި ވެއެވެ. ރިޒާއަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ.
ރިޒާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް)އިން އަމިއްލަ ކުންފުންޏަކަށް 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ކަމަށް ބުނާ މައްސަލާގައި އެމްޕީއެލްގެ ފަރާތުން ވަކާލާތު ކުރައްވާފައިވަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އިންނަވައި، ގާނޫނީ ވަކީލުކަންވެސް ކުރައްވާ މެމްބަރު ރިޒާ އެވެ. އެމައްސަލަ އެމްޕީއެމްގެ ކޮޅަށް ނިމިފައިވާއިރު، އެމައްސަލާގައި ރިޒާ ވަކާލާތު ކޮށްދެއްވާފައިވަނީ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ކަމަށް ވެއެވެ.
ޖޭއެސްސީގެ 10 މެމްބަރުން ތިއްބަވައެވެ.
ޖޭއެސްސީއަކީ ކޯޓުތަކާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރެއްވުން އަދި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެން، ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަދުލް އިންސާފުގެ ދާއިރާގެ އެންމެ މުހިއްމު އެއް މުއައްސަސާއެވެ.