ކ. މާލެ
|
24 ފެބްރުއަރީ 2024 | ހޮނިހިރު 13:35
ފަށާއިރު ޕްރޮގްރާމްގައި މަސްވެރި އަލިބެ ވާހަކަ ދައްކަނީ
ފަށާއިރު ޕްރޮގްރާމްގައި މަސްވެރި އަލިބެ ވާހަކަ ދައްކަނީ
ރާއްޖެއެމްވީ
މަސްވެރިންގެ ކަންބޮޑުވުން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ ވަނީ ބޮޑުވެފައި
ވެރިކަން ލިބުމާއެކު ރައީސް މުއިއްޒު މަސްވެރިންނާ ވަނީ ދުރަށް ގޮސްފައި
މި ސަރުކާރުގެ ބޭފުޅުން އުޅުއްވަނީ އަމިއްލަ ބޭނުމެއްގައި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ (އަލީ ރަޝީދު) މައާފަށް އެދިއްޖެ އެވެ.

މަސްވެރި އަލިބެ މައާފަށް އެދިފައިވަނީ ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުންނެވެ.

ގދ. ވިލިނގިލީ އުޖާލާ ދޯނީގައި މަސައްކަތް ކުރާ މަސްވެރި އަލިބެ ބުނެފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީ ގޯހަކުން ކަމަށެވެ. ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތް ފާހަގަކޮށް މަސްވެރި އަލިބެ ބުނީ މި ވެރިކަން ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރީ މަސްވެރިން ކަމަށެވެ. ނަމަވެސް ވެރިކަން ލިބުމާއެކު ރައީސް މުއިއްޒު ވަނީ މަސްވެރިންނާ ދުރަށް ގޮސްފައިވާ ކަމަށެވެ.

މަސްވެރި އަލިބެ ބުނީ މި ސަރުކާރުގެ ބޭފުޅުން އުޅުއްވަނީ އަމިއްލަ ބޭނުމެއްގައި ކަމަށާއި އެ ބޭނުން ފުދުމުން ރައްޔިތުން ނަގާ އެއްލާލަނީ ކަމަށެވެ. އެފަދަ ދެރަ ހާލަތެއް މިއަދުގެ މަސްވެރިންނަށް ޖައްސާފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން މަސްވެރި އަލިބެ ބުނީ ރައީސް މުއިއްޒު ވެރިކަމަށް އައުމަށް މަސްވެރިން ލައްވާ ކުރީ ސަރުކާރަށް ވަރަށް އެއްޗެހި ގޮވައި ދެކޮޅަށް މަސައްކަތް ކުރިވި ކަމަށެވެ. އަދި މިހުރިހާ ކަމަކާއި ގުޅިގެން ކުރީގެ ރައީސް ސާލިހުގެ އަރިހުން މައާފަށް އެދޭ ކަމަށާއި، ރައީސް ސާލިހަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ.

އަޅުގަނޑު މައާފަށް އެދެން ރައީސް ސާލިހު ކައިރިން. ރައީސް ސާލިހު ވެރިކަމުން ފައިބަމުން ވެސް ބުނީ އަދި ރާއްޖޭގެ މަސްވެރި ރައްޔިތުން ބުނާނެއޭ ސާލިހަކީ ރަނގަޅު މީހެކޭ. އެބަސް އަޅުގަނޑުމެން ދުލުން މި ބުނެވުނީ. ސާލިހަކީ ރަނގަޅު މީހެއް. އަޅުގަނޑުމެންނަށް މިކުރެވުނީ ގޯހެއް.
މަސްވެރި އަލިބެ (އަލީ ރަޝީދު) 

މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭ މައްސަލަ ބޮޑުވުމާއި ގުޅިގެން 19 ފެބްރުއަރީ 2024 ގައި މަސްވެރިން ވަނީ މުޒާހަރާއަށް ނުކުމެފައެވެ. ކޫއްޑޫއާއި އައްޑޫގައި ކުރަމުންދިޔަ މުޒާހަރާ މަސްވެރިން ހުއްޓާލާފައިވަނީ ސަރުކާރުން މަސްވެރިންނަށް ފައިސާ ދޭނެ ތަރީހެއް ދިނުމުންނެވެ. އެގޮތުން 23 ފެބްރުއަރީ 2024 ގައި މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި ސަރުކާރުން މަސްވެރިންނަށް ދީފައިވާ ޔަގީންކަމާ އެއްގޮތަށް 26.02.2024 ވާ ހޯމަ ދުވަހުގެ ކުރިން 30 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
ކޮމެންޓް