މިސަރުކާރުން ނަގާފައިވާ ލޯންތަކާއި ބިލްތަކަށް އެކަނި ވެސް ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އާ ސަރުކާރުގެ ފައިނޭންސް ކޮމިޓީން ބުނެފިއެވެ.
ފައިނޭންސް ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ އިގުތިސާދީ ކޮމެޓީގެ ނާއިބު މުގައްރިރު އިބްރާހީމް އަމީރު ވިދާޅުވީ ޓްރާންސިޝަން ޕީރިއަޑްގައި މިނިސްޓްރީތަކުން ލިބެންޖެހޭ އެއްބާރުލުމެއް އެކަށީގެންވާ މިންވަރަށް ލިބިފައިނުވާ ކަމަށާއި ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެކަނި ވެސް އަންނަ އަހަރަށް ލަފާކޮށްފައިވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓުން ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އެކަމުގެ ސަބަބުން އާ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތައް ތަންފީޒު ކުރުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށެވެ.
ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ އެ ބަޖެޓަކީ އާ ސަރުކާރުން ހުށައެޅި ބަޖެޓެއް ކަމަށެވެ. އެހެން ނަމަވެސް އަމީރު ވިދާޅުވީ އެއީ މެނިފެސްޓޯގެ ވައުދުތައް ހިމެނިގެން އެކުލަވައިލި ބަޖެޓެއް ނޫން ކަމަށާއި އެއީ އެ ބޭފުޅުންގެ ފަރާތުން ހުށައެޅި ބަޖެޓެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެކަށީގެންވާ ވަގުތެއް ނުލިބޭ ބަޖެޓް އެކުލަވާލާކަށް. މިނިސްޓްރީތަކުން ލިބެންޖެހޭ އެއްބާރުލުމެއް އަޅުގަނޑުމެންނަކަށް ނުލިބޭ. ބަޖެޓް ކަންތައްތަކާ އުޅެން ގާތްތަނޑަކަށް ދެ ހަފްތާ ވަރު ލިބުނީ. އެހެން ކަމުން މިއީ މުޅިއެކު އަޅުގަނޑުމެންގެ ފަރާތުން ހުށައެޅި ބަޖެޓެކޭ ނުބުނެވޭނެ،" އަމީރު ވިދާޅުވިއެވެ.