ގުދުރަތީ މުއްސަނދިކަމުން ފުރިގެންވާ ހދ. ކޭލަކުނު ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
ރާއްޖޭގައި އޮތް ޤުދުރަތީ ގޮތުން ތަފާތު މިރަށަކީ ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ތިމާވެއްޓެއް ލިބިފައިވާ ރަށެކެވެ. އެގޮތުން ދުނިޔޭގެ ކުދި ޖަޒީރާތަކަށް ބަލާއިރު، ކޭލަކުނުގައި އޮތް ޒާތުގެ ތިމާވެއްޓެއް އޮތް ރަށެއް މުޅި ދުނިޔޭގައިވެސް ނެތްކަމަށް އެރަށް ދިރާސާކުރި ބައެއް ތަޖުރިބާކާރުން ބުނެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ކޭލަކުނު ހިމާޔާތްކުރުމަށް ބޭނުންވާ ސާރވޭތައް ކުރުން ކުރިއަށް ގެންދާ ކަމަށާއި ކޭލަކުނުގެ ބަޔޯޑައިވަސިޓީގެ ޑީޓެއިލް ސާރވޭއެއްކޮށް އެންވަރަޔަމެންޓް މިނިސްޓްރީއަށް ރިޕޯޓްވެސް ހުށަހަޅާފައިވާ ކަމަށެވެ.
"ކޭލަކުނުގައި ހުންނަ ގުދުރަތީ ތަފާތުކަމަކީ ރާއްޖޭގެ އެހެން އެއްވެސް ރަށަކުން ލިބިފައިނުވާ ފީޗާސްތަކެއް. ބަރުގަސްތަކާއި އެރަށުގެ ފަރާއި، ދޫނިސޫފާސޫފި އަދި ގަސްގަހާގެހީގެ ތަފްސީލީ ފުރިހަމަ ސާރވޭއެއްވާނީ ކޮށްފަ" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޭލަކުނު ހިމާރާތްކުރުމަށް ހިޔާލު ހޯދުމުގެ ގޮތުން ސޯޝަލް ސާރވޭއެއް މިހާރު އީޕީއޭއިން ހަދަމުން އަންނަ ކަމަށެވެ. މިސާރވޭގެ ޓާގެޓަކީ އެރަށް ހިމާޔާތްކުރާއިރު ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލު ހޯދުމެވެ. އެގޮތުން މި ސާރވޭގައި ހދ. އަތޮޅުގެ ރައްޔިތުން އާބާދީގެ ވަކި އިންސަތައެއް ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ނެއްލައިދޫ، ނޮޅިވަރަމް، ކުޅުދުއްފުށި، ނޮޅިވަރަންފަރު، ނޭކުރަންދޫގެ ރައްޔިތުން ހިމަނާފައިވެ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އެރަށް ހިމާޔާތްކުރިޔަސް ޒަމާނުންސުރެއް އެރަށް ބޭނުންކުރި ގޮތަށް ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތް ހަދަން. ދަތުރު ދެވެން ވާނެއޭ، ކާށި ހޮވަން ދަރުހޮވަން ފަދަ ބޭނުންތައް ކުރުމަށް ރައްޔިތުންނަށް ދެވެންވާނެ އޭ" ނައީމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ފަތުރުވެރިކަމަށް ކޭލަކުނު ހުޅުވާލަން ނިންމުމުން ގިނަބަޔަކު އެކަމަށް ފާޑުކިޔައި އަޑުއުފުލިއެވެ. އަދި ރާއްޖެޓީވީއާއި ރާއްޖެއެމްވީން އިސްނަގައިގެން ވަނީ ގުދުރަތީ މުއްސަނދި ތިމާވެއްޓެއް ލިބިގެންވާ ކޭލަކުނު ހިމާޔަތް ކުރުމަށް ކެމްޕެއިނެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ތިމާވެށީގެ ގޮތުން ނާޒުކު ރަށްތައް ހިމާޔާތްކުރެވިގެންދާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.