ގުޅިގެން އެންމެން އެކުގައި ވާދަކޮށްގެން ވެރިކަމެއް ގާއިމް ވުމަށްފަހު ދެން އެވެރިކަން ރޫޅާލުމުން އޭގެ ގެއްލުން އެންމެނަށް ވާނެކަން މާޒީން އޮތީން ވަރަށް ސާފުކޮށް ފެންނަން ކަމަށް އަދާލަތު ޕާޓިގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ނަޒީރު ވިދާޅުވި ގޮތުގައި އެކަމުގެ ގެއްލުން ހަމައެކަނި ވަނީ، ވެރިކަމުން އެއްކައިރިވާ ފަރާތްތަކަށް އެކަންޏެއް ނޫނެވެ.
"ވެރިކަމުގައި ދެމި އޮންނަ މައި ޕާޓީތަކަށްވެސް އެކަމުގެ ގެއްލުން ވާނެ. މާޒީގައި ހިނގާފައިވާ ކަންކަން އެއީ ކުރިއަށް އޮތް ތަނަށް އަޅުގަނޑުމެން ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި ހޯދާ ބަލަން ޖެހޭ ކަމެއް. އޭގެން އިތުރު މައްސަލަތައް އުފައްދައިގެން ކުރިއަށް އޮތް މުސްތަގުބަލު ޚަރާބުކުރުމުގެ ބޭނުމުގައި އަޅުގަނޑުމެން އެކަން ކޮށްގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.
މިގައުމުގެ ކުރިއަށް އޮތް މުސްތަގުބަލު އުޖާލާކުރުމަށާއި ހަމައިގައި ތިބުމަށް ކޮންމެވެސް ވަރަކަށް މާޒީން އިބުރަތް ލިބިގަންނަން ޖެހޭކަމަށް ނަޒީރު ވިދާޅުވިއެވެ. ކޯލިޝަންތައް ރާއްޖޭގައި އުފެދި ރޫޅުމަކީ ވަމުން އައި ކަމެއް ކަމަށާއި އެކަން އެހެން ވަނީ ކީއްވެގެން ކަން ހޯދަން ޖެހޭކަމަށް އޭނާ ވިދާޅުވިއެެވެ. އަދި ކޯލިޝަން ދެމި އޮންނާނީ ކިހިނެއްކަންވެސް ހޯދަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު މިވަގުތު ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަށް އެ ފިލާވަޅު އޮންނާނީ ދަސްވެފައިކަމަށެވެ. ހަތަރު ލީޑަރުންނާއި އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށްވެސް ކޯލިޝަންއެއް ދެމެހެއްޓޭނެ ގޮތާއި، އެ ދަމަހައްޓަން ދޫ ދޭންޖެހޭވަރު ވެސް، އަދި ހިފަހައްޓަން ޖެހޭވަރު ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.
ވޭތުވެ މިދިޔަ 10 އަހަރު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިންގައި ދިޔަ ކަންކަން ހިނގައިދިޔައީ ރަނގަޅަށް ނޫންކަން ހަތަރު ލީޑަރުންނަށާއި ޕާޓީތަކުގެ ލީޑަޝިޕަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމާއެކު ކުރިއަށް އޮތް ފަސް އަހަރު މިރާއްޖޭގެ އަމަންއަމާންކަން ހިފަހައްޓަވައި ރާއްޖޭގައި ސުލްހަ މަސަލަސްކަން ނަގަހައްޓާ ރައްޔިތުންނަށް ހަމަޖެހޭ އުފާވެރިވެރިކަމެއް މި ފަސްއަހަރުގައި ގެނެސްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޒީރު ވިދާޅުވިއެވެ.
އެކަން އެ މަގަށް ގެންދިއުމުގައި އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތަށް އަދާލަތު ޕާޓީން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.