ކުރީގެ ރައީސް މުހައްމަދު ނަޝީދު އއ އުކުޅަހަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފްގައި ޚާއްޞަ ބޮޑުބެރު ޝޯވ އެއް ބާއްވައިފިއެވެ.
ހޯމަ ދުވަހުގެރޭ އުކުޅަހު ބަނދަރު ސަރަހައްދުގައި ހުންނަ ސްޓޭޖްގައި މި ޝޯވ ދީފައި ވަނީ އުކުޅަހު "ރަށް ގުޑާ" ބޮޑުބެރު ގުރޫޕުންނެވެ.

ރައީސް ނަޝީދަށް ޚާއްޞަކޮށް ބައެއް ލަވަތައް ވެސް ކިޔާފައިވާ މިޝޯވ 21:00 އިން 23:00 އަށް ކުރިއަށް ގެންދިޔައެވެ. މި ޝޯވ ބައްލަވާލެއްވުމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން އުކުޅަހަށް އެމަނިކުފާނާ އެކު ވަޑައިގެންނެވި ޓީމު ވެސް ވަޑައިގެން ތިއްބެވިއެވެ. އަދި އުކުޅަހުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވެސް މި ޝޯވ ބަލާލުމަށް ސްޓޭޖް ސަރަހައްދަށް ވަނީ އައިސްފައެވެ.

ރައީސް ނަޝީދު އުކުޅަހަށް ކުރެއްވި މިދަތުރުފުޅުގައި އަންގާރަ ދުވަހު އޮންނާނީ އުކުޅަހު ގެސްޓް ހައުސްތަކުގެ ވެރިންނާ ބައްދަލު ކުރެއްވުމާއި އާ 3 ގެސްޓް ހައުސްއެއް ހުޅުވައިދެއްވުމެވެ.
އެމަނިކުފާނުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.