ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ތިބެ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެމައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ.
ޑީޖޭއޭއިން ނެރިފައިވާ ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް އަރައިތިބެ ފޮޓޯ ނެގުމަކީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށެވެ.
ޑީޖޭއޭއިން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، އެ މައްސަލަ ބެލުމަށްފަހު، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރަށް މިބަޔާނުގައި ބުނެފައި ވަނީ ޝަރުއީ ކޯޓެއްގެ ހުއްދައަކާ ނުލައި ކޯޓެއްގެ އެތެރެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަކީ، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ)ގެ 8، 9، 13(ހ)، އަދި 15 ވަނަ ނަންބަރުގެ ދަށުން ބަލާއިރު، ކޯޓުގެ ޙުރުމަތް ކެނޑުމުގެ އަމަލެއް ކަމަށްވާތީ، އެ އަމަލު ކުށްވެރިކުރާ ކަމަށެވެ.
ކޯޓުތަކުގެ ހައިބަތާއި ކަރާމަތާއި ޤަދަރަށް އުނިކަން އަތުވެދާ ފަދަ އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާ ޑީޖޭއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފަނޑިޔާރުގެ ބެންޗަށް އަރައި ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިށީނދެ ތިބެ ފޮޓޯތައް ނަގާ އާންމުކޮށްފައިވާއިރު، ޝަރީއަތުގެ މަޖިލީހަށް މީހުން ވައްދަނީ ފޯނު އަތުލުމަށްފަހުއެވެ. އެހެންވެ އެ ފޮޓޯތައް އެމީހުން ނެގި ގޮތެއް ސާފެއް ނުވެއެވެ.
ފޮޓޯތަކަށް ބެލުމުން ބޮޑަށް ބެލެވެނީ އެމީހުން ފޮޓޯތައް ނަގަފައި ވަނީ ޖުވެނައިލް ކޯޓްގައި ކަމަށެވެ.