ލިޔުނީ: ދާނިޝް ނިޒާމް
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވައިފިއެވެ .
ކާނަލް ނާޒިމް ޖޭޕީއަށް ސޮއި ކުރެއްވީ ހޯމަ ދުވަހުގެ ހަވީރު މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ޕާޓީއަށް ސޮއި ކުރެއްވުމަށްފަހު، ނާޒިމް ވަނީ އޭނާގެ މެމްބާޝިޕް ފޯމު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް އަރުވާފައެވެ.

ނާޒިމް ޖޭޕީއަށް ސޮއި ކުރެއްވުމުން ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ މަގާމު އޭނާއަށް ވަނީ ދެއްވާފައެވެ.
ޖޭޕީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ޕާޓީއަށް ތެދުވެރިކަމާއި ވަފާތެރިކަމާ އެކު މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ނާޒިމް ޖޭޕީއާ ގުޅިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި ނާޒިމާ އެކު ޕާޓީއަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށެވެ.