ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ޝައިޚް އިމްރާން ޢަބްދުﷲ އަކީ އެ ދެ ބޭފުޅުން ނިސްބަތްވާ ޕާޓީގެ ރައީސުންކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހޯމަ ދުވަހު ނިންމާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އަދި ޝައިޚް އިމްރާނަށް އަދާލަތު ޕާޓީގެ ރައީސްކަމުގެ މަޤާމު ފުރުއްވުމަށް މިހާރު ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު، އަޙުމަދު އަކްރަމް ވިދާޅުވީ، އީސީއިން މިގޮތަށް ނިންމީ ރައީސް ނަޝީދާއި ޝައިޚް އިމްރާންގެ މައްޗަށް ކޮށްފައިވާ ޖަލު ޙުކުމް ރިވިއު ކުރުމަށް ނިންމައި، އެ ޙުކުމް ތަންފީޒު ނުކުރުމަށާއި އެ ދެބޭފުޅުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާތީ، އެ ދެބޭފުޅުންނަށް ޕާޓީގެ މަޤާމެއް ފުރުއްވުމަށް މިވަގުތު ޤާނޫނީ އެއްވެސް ހުރަހެއް ނެތުމުން ކަމަށެވެ. އަދި ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ވަނީ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ޕާޓީއެއްގެ މަޤާމެއް އަދާ ނުކުރެވޭނެކަން ކަމަށްވާއިރު، ރައީސް ނަޝީދާއި ޝައިޚް އިމްރާނަކީ މިވަގުތު އެފަދަ ޙުކުމެއް ތަންފީޒުކުރަމުންދާ ބައެއް ނޫންކަން އަކްރަމް ފާހަގަ ކުރެއްވިއެވެ.
އަކްރަމް އިތުރަށް ވިދާޅުވީ، އެމްޑީޕީ އާއި އަދާލަތު ޕާޓީއިން ވެސް އީސީ އާއި ހިއްސާކޮށްފައިވާ މަޢުލޫމާތުން، ރައީސް ނަޝީދު އަދި ޝައިޚް އިމްރާން އިންތިޚާބުވެފައިވާ އެ ބޭފުޅުން ނިސްބަތްވާ ޕާޓީގެ ރައީސްކަމުގެ ދައުރު އަދި ހަމަ ނުވާކަން ހާމަވާ ކަމަށާއި، އެހެން ކަމުން އީސީގެ ނިންމުން ނިންމުމުގައި އެކަމަށްވެސް ރިއާޔަތް ކުރެއްވި ކަމަށެވެ.
ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެނައި އިސްލާހާ އެކު، އެމްޑީޕީގެ ރައީސް، ކުރީގެ މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ބުނެފައެވެ.
ރައީސް ޔާމީންގެ ސަރުކާރުން ބާރުއަޅައިގެން ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެނައި އިސްލާހުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ "ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވާ" ކަމަށެވެ.