ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ގާނޫނާ ހިލާފަށް ބަންދު ކޮށްފައިވާތީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހެބިއަސް ކޯޕަސް މައްސަލައިގެ އަޑުއެހުމަށް އަދީބު ހާޒިރުކޮށް ނުދިނުމުން އަޑު އެހުން ކެންސަލު ކޮށްފިއެވެ.
އަދީބުގެ ގާނޫނީ ވަކީލުގެ ޓީމްގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖު ވިދާޅުވީ ފުރޮޅުލީ ގޮނޑީގައި ނުވަތަ ސްޓްރެޗާގައި ނަމަވެސް އަޑުއެހުމަށް ހާޒިރުކޮށް ދިނުމަށް އަދީބު އެދިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ އަޑު އެހުމަށް އަދީބު ހާޒިރުކޮށް ދީފައި ނުވާ ކަމަށެވެ.
އަދީބުގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މިމައްސަލައާއި ގުޅިގެން ހޯމަ ދުވަހު އަޑުއެހުން ތާވަލު ކުރީ މެންދުރު އެކެއް ޖަހާއިރަށެވެ. އަދި މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައިވާއިރު މިއަދު އޮތީ އެ މައްސަލާގައި ގޮތެއް ނިންމުމެވެ.
Adeeb hushahelhi habeas corpus case ge miadhuge adu ehumah Adeeb court ah haaziru kurumah CP Shihan dhekolhu hedhumun shareeai cancel kohfi.
— Moosa Siraj (@MoosesSiraj) November 12, 2018
Adeeb vanee wheelchair / Stretcher gai court ah haaziru kohdhinumah edhifa. Mikamah edhi doc liyuntha ves vany MCS ah hushahelhifai.
މިމައްސަލާގައި އަދީބުގެ ވަކީލުން ވަނީ ތިން ކަމެއް ފާހަގަ ކޮށްފައެވެ. އެއީ އަދީބު އެކަހެރިކޮށް ބަންދުކޮށްފައި ހުންނަ ހުރުމާއި، ގާނޫނާ ހިލާފަށް ދޫނިދޫގައި ބަންދުކޮށްފައި ހުންނަ މައްސަލައިގެ އިތުރުން ޑޮކްޓަރުންގެ ލަފައާއި އެއްގޮތަށް އަމަލު ނުކުރާ މައްސަލައެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.