ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކަނޑައަޅާ މެމްބަރުގެ ގޮތުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކި ކުރައްވާފައި ވަނީ 42 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ރިޒާއާ އެއްކޮޅަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. އަދި ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ އެއް މެމްބަރަކު އިންނެވިއެވެ.
ރިޒާގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ގޮތުގައި ކަނޑައަޅާފައިވާ ރިޒާ އެމަގާމުން ވަކި ކުރެވިފައިވާ ކަމަށް އިއުލާން ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުމަށް ފަހު، ރިޒާއަށް ވަނީ ޖަވާބުދާރީވުމަށް 15 މިނެޓުގެ ފުރުސަތެއް ދެއްވާފައެވެ.
އެ މައްސަލައަށް ޖަވާބުދާރީވަމުން ރިޒާ ވިދާޅުވީ އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނަވައި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް މިހާތަނަށް އެއްވެސް ކަމެއްގައި ލަފައެއް ދެއްވާފަ ނުވާ ކަމަށެވެ.
ރިޒާ ސިފަކުރައްވާފައި ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ މީގެ ހަތް އަހަރު ކުރިން ޖޭއެސްސީގައި އެ މަގާމުގައި ހުންނެވި، އަލްމަރުހޫމް ޑރ. އަފްރާޝީމް އަލީ މަގާމުން ވަކިކުރެއްވުމަށް ހިންގި ފަދަ ކަންތައްތަކެއް ކަމަށެވެ.
ރިޒާ ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ، ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރެއްވުމަށް ހުށަހަޅަފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުން އެ މެމްބަރުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަން ކުރައްވަމުން ނުދާތީ އާއި އަދުލްއިންސާފު ގާއިމުކުރުމުގެ ކަންކަން ހިންގެވުމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ މަޖިލީހަށް އެއްބާރުލުން ނުދެއްވައި، އަދި ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާތީ ދުނިޔޭގައި އަދުލްއިންސާފުގެ ދާއިރާ އަށް ބޮޑެތި ޝައްކުތައް ކުރެވި، އިތުބާރު ގެއްލިފައިވާތީ ކަމަށެވެ.
ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދުލްއިންސާފުގެ ދާއިރާ ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތު ކުރެވޭއިރު، ރިޒާގެ މައްޗަށް ވެސް ފަނޑިޔާރުންނަށް ނުފުޒު ފޯރުވަމުންދާކަމުގެ އަޑުތަކެއް ފެތުރިފައި ވެއެވެ. ރިޒާއަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ.
ރިޒާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް)އިން އަމިއްލަ ކުންފުންޏަކަށް 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ކަމަށް ބުނާ މައްސަލާގައި އެމްޕީއެލްގެ ފަރާތުން ވަކާލާތު ކުރައްވާފައިވަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އިންނަވައި، ގާނޫނީ ވަކީލުކަންވެސް ކުރައްވާ މެމްބަރު ރިޒާ އެވެ. އެމައްސަލަ އެމްޕީއެމްގެ ކޮޅަށް ނިމިފައިވާއިރު، އެމައްސަލާގައި ރިޒާ ވަކާލާތު ކޮށްދެއްވާފައިވަނީ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ކަމަށް ވެއެވެ.
ޖޭއެސްސީގެ 10 މެމްބަރުން ތިއްބަވައެވެ.
ޖޭއެސްސީއަކީ ކޯޓުތަކާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރެއްވުން އަދި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެން، ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަދުލް އިންސާފުގެ ދާއިރާގެ އެންމެ މުހިއްމު އެއް މުއައްސަސާއެވެ.