ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.
ނާޒިމް، އެކަން އިއުލާން ކުރެއްވީ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު، އާދީއްތަ ދުވަހުގެ ރޭ އެނބުރިވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
ކާނަލް ނާޒިމް ހޯމަ ދުވަހު (މިއަދު) ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާނެކަން އިއުލާން ކުރެއްވުމުން ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ ނާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި ޕާޓީއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. ރައްޔިތުންގެ ތެރެއިން އިސްކޮށް ތިއްބެވި ވަރަށް ގިނަ ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި އެއީ އެޕާޓީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކުރިއަށް ދާން ތިބޭ ބަޔަކު ހޯދުމަށް އަބަދުވެސް ޓަކިޖަހަން ހުރި ދޮރުތަކުގައި ޓަކިޖަހާނެ ކަމަށާއި ގައުމު އޮތް ހާލަތުން ވަރަށް ބަދަހިކަމާ އެކު މަސައްކަތްކުރަންޖެހޭ ކަމަށެވެ. ދަތުރު އަމާންކަމާއި އޮމާންކަމާ އެކު ކުރިއަށް ގެންދެވޭނީ އޭރުން ކަމަށާއި ދިމާވެދާނެ ގޮންޖެހުމަކަށް ނުވަތަ އަތުވެދާނެ ކޮޅިގަނޑަކަށް ވިސްނަންޖެހޭ ކަމަށެވެ. އެބޭފުޅުން ކުރައްވަނީ ރައްޔިތުންގެ މުސްތަގުބަލް އާރާސްތުކުރުމަށް ކުރައްވާ މަސައްކަތެއް ކަމަށާއި އެއީ އެއްވެސް ބޭފުޅެއްގެ ޖީބު ބޮޑުކުރުމަށް ކުރައްވާ މަސައްކަތެއް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތަކަށް ކުރިއެރުން ހޯދައިދެވޭނެ މަގުކޮށައި ސާފުކޮށްދޭން ޖެހޭ ކަމަށާއި ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ އެގޮތުގެ މަތިން ކަމަށް ގާސިމް ވިދާޅުވިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައިވާއިރު އެމަނިކުފާނުގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ގެންދަވަނީ ޖޭޕީއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަމުންނެވެ. އާޒިމަކީ ޖޭޕީގެ ލީޑަރު ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.