އޭނާ ފްރޭމް ކުރުމުގެ ނުބައި ޖަރީމާ ހިންގީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާއި ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދު ކަމަށާއި އެދެބޭފުޅުން އިންސާފްގެ ކުރިމައްޗަށް ގެންނާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ރިޓަޔަރޑް ކާނަލް ނާޒިމް ވިދާޅުވެއްޖެ އެވެ.
އޭނާގެ ނިދާ ކޮޓަރިން ފިއްތޯލަ އަކާއި ވަޒަން ފެނުނު ކަމަށް ބުނެ، ހަތިޔާރު ގެންގުޅުނުކަމަށް ކަމަށް ސާބިތުކޮށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ތަންފީޒް ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ނާޒިމް މިހެން ވިދާޅުވީ ބޭސްފަރުވާ އަށް މަލޭޝިއާއަށް ވަޑައިގެން ހުންނެވުމަށް ފަހު އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
ޑިފެންސް މިނިސްޓަރުގެ ގެއިން ފިސްތޯލައެއް ފެނުމަކީ އެއްވެސް ރައްޔިތަކަށް ސަލާމަތްތެރިކަމެއް ނެތުން ކަމަށް އޭނާ ކުރިން ވިދާޅުވެފައިވާއިރު، އެކަން ތަކުރާރުވިޔަ ނުދިނުމަށް ކުރައްވާނީ ކޮން ކަމެއްތޯ ރާއްޖެ އެމްވީން ދެންނެވުމުން ވިދާޅުވީ އެކަން ހިންގި މީހުން އިންސާފްގެ ކުރިމައްޗަށް ގެނައުން ކަމަށެވެ. އެ ޖަރީމާ ހިންގެވީ ރައީސް ޔާމީން އާއި އޭރުގެ ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދު ކަމަށާއި އެދެބޭފުޅުން އިންސާފްގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ.
"މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅުގަނޑު އެންމެ އަވަހަށް އިންތިޚާބީ ރައީސްއާ ބައްދަލުވާއިރު އަޅުގަނޑު މިހުރީ ދަންނަވަން ހިތުގައި ލައިގެން މިމައްސަލަ ފުރިހަމައަށް ތަހުގީގްކޮށް މިކަން ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން. އަޅުގަނޑު ޤަބޫލު ކުރަނީ ފުލުހުންގެ ތެރެއިން ފުލުހުންގެ އޭރުގެ ކޮމިޝަނަރ ހުސަން ވަހީދު އާއި ރައީސް ޔާމީން މިކަމުގައި ބައިވެރިވެގެން ހިންގާފައި އޮތް ވަރަށް ނުލަފާ ޖަރީމާއެއްގެ ގޮތުގައި. މިޖަރީމާ އެބަޖެހޭ ތަހުގީގްކޮށް މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެންނަން. ޑިފެންސް މިނިސްޓަރަކަށް ހުރި މީހެއްގެ ގެއަށް ފުލުހުންނަކަށް ނުވަދެވޭނެ އޭރުގައި ހުރި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން ނޫނީ. އެހެންވީމާ އަޅުގަނޑު މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާ ޔާމިން ޢަބްދުލް ޤައްޔޫމް ޒިންމާކުރުވަން ބޭނުން. އަދި އިންސާފްގެ ކުރިމައްޗަށް ގެންނަން ބޭނުން. މިކަން ތަކުރާރުވެގެން ނުދާނީ މިއިންތިޚާބުވި ސަރުކާރުން މިކަން ބަލައި އިންސާފުގެ ކުރިމައްޗަށް ގެނެވިގެން. އެހެންނޫނީ މިފަދަ ކަންކަން ދާނީ ތަކުރާރުވަމުން" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ފްރޭމްކުރި މައްސަލަ ހިންގި ކަމުގެ ތުހްމަތު ރައީސް ޔާމީން އާއި ހުސައިން ވަހީދުގެ މައްޗަށް ކުރެއްވިއިރު، އެ ފަދަ ކަމެއްގައި އެ ބޭފުޅުންގެ ބައިވެރިވުމެއް ނެތް ކަމަށް ކުރިން ވެސް ވިދާޅުވެފައިވެ އެވެ.
ނާޒިމް ވިދާޅުވީ އޭނާ މިނިވަން ވުމަކީ ދިވެހި އެންމެހާ ރައްޔިތުންގެ މަސައްކަތް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުންނާއި އަދި އާއިލާގެ މަސައްކަތް ކަމަށެވެ. އެފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.