ސަރުކާރު ހިންގާ ޕާޓީ, ޕީޕީއެމް އޮތީ އައިސީޔޫގައި ކަމަށާއި ރައީސް އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ލީޑާޝިޕް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕާލަމެންްޓްރީ ގްރޫޕުގެ މެމްބަރުކަން ވެސް ކުރައްވާ ރީކޯ މޫސާ ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބުން ޕީޕީއެމް ބަލިވުމުން، އެ ޕާޓީ އޮތީ ފެއިލްވެފައި ކަމަށެވެ.
"ސިޔާސީ ޕާޓީތައް ވަރުވާއަށް ނުލިޔެ ބަލާށޭ. މިއީ ރައްޔިތުންގެ ލާރިން ހިންގަވާ ތަންތަނޭ... މިހާރު ޕީޕީއެމް ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ. ރައީސް ޔާމީން ވެސް ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތް އެއީ. ފެއިލްވީ ނޫންތޯ އެއީ. ދެ އިންތިހާބުން ފެއިލްވީ،" ރީކޯ މޫސަ މަނިކު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އަށް ފަހު ޕީޕީއެމްގެ ލީޑާޝިޕް ނުފެންނާތީ ޕީޕީއެމް މަޖިލިސް މެމްބަރުން ތިއްބެވީ "ކަންތައް ބޮޑުވެފައި" ކަމަށް މޫސަ ވިދާޅުވިއެވެ. ނިމިދިޔަ އިންތިހާބުން ނާކާމިޔާބުވުމުން، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ތައްޔާރުވުމަށް އެ ޕާޓީ މަސައްކަތް ކުރާ ތަން ނުފެންނަ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕީޕީއެމް ޕާލަމެންޓް މެންބަރުން މި ތިބީ ވަރަށް ކަންތައް ބޮޑުވެފައި. ލީޑާޝިޕް ވަރަށް ނުފެނިގެން މިދަނީ. އެމްޑީޕީން 2013ގެ އިންތިހާބުން ބަލިވުމާއެކީގައި ހަމަ އަޅުގަނޑުމެން އެންމެން އިސްވެ ތައްޔާރުވީ 2014 ވަނަ އަހަރު އޮތް އިންތިހާބަށް. ޕީޕީއެމް ބަލިވިފަހުން ޝަރީފާ ދިމާލަށް އެއްޗެހި ގޮވުމާއި އަޅުގަނޑު އިސްތިއުފާ އަށް ވެސް އިހަށް ދުވަހު ގޮވައިފި،" ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މޫސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންތިހާބު ނާކާމިޔާބުވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ސީދާ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ. އިންތިހާބުން ނާކާމިޔާބުވީ ޕީޕީއެމްގެ އާންމު މެމްބަރުން ދުރަށް ޖެއްސެވުމަށްފަހު ކުންފުނިތަކުގެ އިސްވެރިން ކެމްޕޭނުގެ އިސް ސަފަށް ނެރުމުން ކަމަށް މޫސަ ވިދާޅުވިއެވެ.
ރައީސް މައުމޫނަށް ޕީޕީއެމް ލިބިވަޑައިގެންފިނަމަ، އެ ޕާޓީގައި ނުހުންނަވާނެ ކަމަށް ވެސް މޫސާ ވިދާޅުވިއެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް ސްމާޓް ބޭފުޅެއް ކަމަށް ފާހަގަކުރައްވައި، ރީކޯ މޫސާ މަނިކު ވިދާޅުވީ ކޯލިޝަން ސަރުކާރެއް ކުރިއަށް ގެންދަން އިބޫއަށް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށެވެ.
"އިބޫ ވަރަށް ސްމާޓްވާނެ. އަޅުގަނޑަށް އެނގޭ އިބޫ. އިބޫއަށް ވަރަށް އުނދަގޫތަކެއް ކުރިމަތި ކުރަމުން އެބަގެންދޭ ބަޔަކު. އޭގެއިން ވެސް އިބޫ އަރައިވަޑައިގަންނަވާނެ. އެއަށް ވުރެ ސްމާޓްވީމަ އެކަހަލަ މާހައުލެއްގެ ތެރެއިން. އެމްޑީޕީގެ ތެރެއިން ވެރިކަމަށް އަންނަން އުޅުނު މީހުން ހަތަރެސްފައި ޖައްސަވާފައި ބައިތިއްބާފައި ތިބީ. އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތީމަ އަޅުގަނޑު މި ދަންނަވަނީ އިބޫ ވަރަށް ސްމާޓޭ،" ގުޅިފައިވާ ޕާޓީތަކަށް މަޖިލީހުގެ ތެރެއިން އެއްބާރުލުން ދެއްވަމުން ގެންދަވާ މޫސާ ވިދާޅުވިއެވެ.