ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮންނަތާ އަހަރެއް ފަހުން، މީޑިއާ ކޮމިޝަންގެ ބިލްގެ ބަހުސް ކުރުމަށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ ކޮމިޝަނުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
މިބިލުގެ މަގްސަދަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަން އުވާލުމަށް ފަހު، މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ނަމުގައި އުފައްދާ ކޮމިޝަނެއް އުފެއްދުމަށް ހުށަހެޅި ބިލެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަނަކީ މީޑިއާތައް ރެގިއުލޭޓް ކުރުމާއި މޮނީޓަރ ކުރުމަށް އުފައްދާފައިވާ މިނިވަން ދެ މުއައްސަސާކަމަށް ވިޔަސް އެ ދެ މުއައްސަސާގެ މެންޓްގައި އެއްގޮތް ކަންތައްތަކެއް ހުރުމުން ފުށުއަރާގޮތް ވަމުންދާ ކަމަށެވެ. އެހެން ކަމުން އެ ދެ މުއައްސަސާ އެއް މުއައްސަސާއެއްގެ ގޮތުގައި އެއްކޮށްލުމަށް ބައެއް މެމްބަރުން ހިޔާލުފާޅު ކުރައްވާފައި ވެއެވެ.
އެގޮތުން ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބަދަލުގައި އެހެން މުއައްސަސާއެއް އުފެއްދުމަށް ވަރަށް އަވަހަށް ބިލެއް ހުށަހަޅުއްވާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވައިފައެވެ.
އެދުވަސްވަރު މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ވެސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން ދެ މުއައްސަސާއެއްގެ ގޮތުގައި އޮތުމުގެ ބޭނުމެއް ނެތް ކަމަށް މެމްބަރުން ބަހުސް ކުރައްވާފައި ވެއެވެ. އަދި ދައުލަތުގެ ބަޖެޓްގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ވެސް މީޑިއާތައް ރެގިއުލޭޓްކޮށް މޮނީޓަރ ކުރުމަށް އެއް މުއައްސަސާ ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް މެމްބަރުން ވަނީ ބަހުސް ކުރައްވާފައި ވެއެވެ.
މީޑިއާ ކައުންސިލުން ވަނީ އެ ކައުންސިލަށް އެކަށީގެންވާ ބަޖެޓެއް ނެތުމުން އެކަށީގެންވާ ގޮތެއްގައި އެކޮމިޝަނުގެ ޒިންމާ އަދާކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ބުނެފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގެ މިނިވަންމަކާއި މުސްތަގިއްލުކަމާމެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.