މިއަދަކީ ތިންވަނަ ފަހަރަށް ވެރިކަން ބަދަލުވާން ޖެހޭ ދުވަސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތުގެ ފުރަތަމަ 40 އަހަރު ވެރިކަން ބަދަލުވީ ދެ ފަހަރު ކަމަށެވެ. ޖުމްހޫރީ ނިޒާމަކީ އެވޭލާ ރޯމްގެ ނިޒާމެއް ކަމަށާއި އެމެރިކާގެ ދާޚިލީ ހަނގުރާމަ އާއި ފަރެންސޭސި އިންގިލާބުން މި ފަލްސަފާއަށް އިތުރު ކުރިއެރުން ލިބުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްއަކީ އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލޭގެފާނެވެ.
ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކީ 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ދެވަނަ ޖުމްހޫރިއްޔާގެ ތިން ވަނަ ރައީސަކީ ރާއްޖޭގައި ގިނަ ޕާޓީތައް ބައިވެރިވެގެން ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ބޭއްވި ފުރަތަމަ އިންތިޚާބު ކާމިޔާބުކުރައްވައި، ރައީސް ކަމަށް އިންތިޚާބު ވެވަޑައިގަތްރައީސް މުހައްމަދު ނަޝީދެވެ.
ދައުރުގެ މެދުތެރެއިން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ދެވަނަ ޖުމްހޫރިއްޔާގެ ހަތަރު ވަނަ ރައީސަކަށް ވެފައިވަނީ އެމަނިކުފާނުގެ ނައިބު ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އަދި ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ކިނަ ކެނޑިޑޭޓުން ބައިވެރިވެގެން ވޯޓުން ވެރިއަކު ހޮވަން ފަށާފައިވަނީ ރައީސް މައުމޫނުގެ ވެރިކަމަށްފަހުއެވެ. އޭގެ ކުރިން ވެރިއަކު ހޮވާފައިވަނީ ރައްޔިތުންގެ މަޖިލީހުން އިންތިޚާބުވާ ނަމަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ލައިގެންނެވެ. ރައީސަކު ހޮވުމަށް ރާއްޖޭގައި ބޭއްވި 3 ވަނަ އިންތިޚާބު ކާމިޔާބުކުރައްވައި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސްގެ މަޤާމަށް އިންތިޚާބު ވެވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އިބްރާހިމް މުހައްމަދު ސޯލިހެވެ.