އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލަށް ބަހުސް ކުރުމަށް ހޯމަ ދުވަހުގެ މަޖިލީސް ޖަލްސާގައި އެޖެންޑާކޮށްފައެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް މަޖިލީހަށް ބިލް ހުށަހަޅާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ. މި ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ އޮކްޓޫބަރު 25 ވަނަ ދުވަހުއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރުމުގެ އިތުރަށް ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހަޅާފައިވާ މޯލްޑީވްސް މީޑިއާ ކޮމިޝަނުގެ ބިލަށް ބަހުސް ކުރުންވެސް އޮންނާނެ އެވެ. އޭގެ އިތުރަށް ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާނު ހުށަހަޅާވާފައިވާ ރާއްޖޭގެ ބޭންކިންގއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުން ކުރިއަށްދާނެއެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅާފައިވާ މެންބަރު ގުރައިދޫ ދައިރާގެ މެންބަރު އިބްރާހިމް ރިޒާ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލަ ވަނީ މަޖިލީސް ތަޅުމަށް ހުށަހަޅާފައެވެ.
އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން ހުށަހެޅުއްވި ސަބަބަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ގާނޫނު އަސާސީގެ 33 ވަނަ މާއްދާގެ ދަށުން މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގާއި އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ހައްގުގެ އުސޫލްތަކާއި ތައާރުޒުވާތީ ކަމަށް ޝާހިދު ވިދާޅުވިއެވެ.