އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހު ބޭސްފަރުވާ އަކަށް މެލޭޝިއާ އަށް ވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިރޭ ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ނާޒިމް އެނބުރި ރާއްޖެ ވަޑައިގަންނަވާ އިރު ޖަލު ހުކުމް ތަންފީޒުކުރުން ސުޕްރީމް ކޯޓުން ވަނީ ފަސްކޮށްފައެވެ. އެކަމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ނާޒިމާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކުރާ ކަމަަށެވެ.
ކޮޓަރިން ފިސްތޯލަ އެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ނާޒިމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ.
މެލޭޝިއާ އަށް ވަޑައިގެންނެވުމަށްފަހު ނާޒިމް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލާއި ބައްދަލު ކުރައްވާފަ އެވެ.