ދިވެހި ދައުލަތުގެ ހަޒާނާއިން ވައްކަން ކުރި މީހުންގެ މައްސަލަތައް ތަޙުޤީޤުކޮށް ޝަރީއަތް ހިންގެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ފާއިތުވި ސަރުކާރުގެ ވެރިކަން ބައްޓަންވެގެން ދިޔައީ ދިވެހިރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ޚުދުމުހުތާރު ސަގާފަތެއް އަށަގަންނުވަމުން ކަމަށެވެ. އޭގެ ސަބަބުން ދައުލަތުގެ މުއައްސަސާތައް ޤާނޫނީ އިމުން ފަހަތަށް ގޮސް ކޮރަޕްޝަނާއި ފަސާދަ ހިންގަން ފެށީ ދުވަހަކުވެސް ރާއްޖެ ދެކިފައި ނުވާ މިންވަރަކަށް ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދު ތަކަކުން ނަގާފައިވާ ފައިސާއާއި، ރަށްތަކާއި ފަޅުތައް ދައުލަތަށް އަނބުރާ ލިބެން ޖެހޭނެ ކަމަށް ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެފަދަ ބޮޑެތި ވައްކަންކޮށް ދައުލަތުގެ ހަޒާނާ ލޫޓުވާފައިވާ ބަޔަކު ދޫވެގެން ދިއުން އެއީ ޤައުމު ބޮޑު އަނދަވަޅަކަށް ވެއްޓިގެންދާނެ ކަމެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ ކޯލިޝަންގެ ހަތަރު ލީޑަރުން ވަނީ އިންސާފު ޤާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެފައި ކަމަށާއި، ރައްޔިތުން ކޯލިޝަންގެ ސަރުކާރަށް ވޯޓުދެއްވި އެއް ބޭނުމަކީވެސް އަދުލު އިންސާފު ޤާއިމުކުރުން ކަމަށެވެ.
ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް ގޮވާލަމުން ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރަނގަޅު ބޭފުޅުންތަކެއް ތިއްބެވި ނަމަވެސް ފާއިތުވި ވެރިކަމުގައި މަޖިލިސް އޮތީ މުޅިން ހިސޯރުކޮށްފައި ކަމަށާއި، ސިޔާސީ ޕާރޓީތަކުގެ އަޑު ކަނޑުވާލައި ، ސިޔާސީ ލީޑަރުން ޖަލުގައި ބަންދުކޮށް މީޑިއާގެ ބާރުވެސް ކަނޑުވާލާފައި ވާކަމަށެވެ. އަދި މިކަންކަމަށް އިންސާފު ހޯދައިދީ އިންސާފުވެރި ޝަރީއަތެއް ބޭއްވުމަށް ނާޒިމް ވަނީ ގޮވާލައްވާފައެވެ.