ޕީޕީއެމް ދަރުވާލުމަށްފަހު އާ ޕާޓީއެއް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ތުހުމަތު ކުރައްވައިފިއެވެ.
އިސްލާހީ މަސައްކަތާއި ގުޅުމުން ޕީޕީއެމުން ވަކިކުރުމުން ގޮނޑިގެއްލުނު ކަމަށް ކުރިން ކަނޑައަޅާފައިވާ އަމީތު ވިދާޅުވީ ޕީޕީއެމް ލޫޓުވާލާފައި "ޑީ ފެކްޝަން" އިން މިހާރު އާ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕީޕީއެމްވަނީ އެތައް މިލިއަން ރުފިޔާއިން ދަރުވާލާފައިވާ ކަމަށެވެ.
އަމީތު ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ޕްރެސްތައް ބާއްވަމުންދާ މީހުންނަށް މި ދަރަނި އަދާ ނުކޮށް އާ ސިޔާސީ ޕާޓީއެއް ހެދުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަންއިން ދީގެން ނުވާނެ ކަމަށް ގޮވާލާފައެވެ.
#PPM lootuvaalaafa #Dfaction in thayyaaru vamun dhanee aa siyaasee eh registry kurumah. #PPM vanee ethah million rf in dharuvaalaafa. #PPM ge namuga press thah baavvamun dhaa meehunnah mi dharani adhaa nukoh aa siyaasee party eh hedhumuge furusath @ElectionsMv in dheegen nuvaane.
— Mohamed Ameeth (@MohamedAmeeth) November 8, 2018
އަމީތުގެ ވާހަކަތަކާއި ގުޅިގެން ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް ދާދި ފަހުން އައްޔަން ކުރައްވާފައިވާ މުހައްމަދު ހުސައިން ޝަރީފު(މުންދު) ބައެއް މީޑިއާ ތަކަށް ވިދާޅުވީ އަމީތަކީ ޕީޕީއެމްގެ މެންބަރެއް ނޫން ކަމަށާއި އަމީތާއި ނުވެސް ބެހޭ ކަމެއްގައި ވާހަކަ ދައްކަވަމުން ދަނީ ކޯޓުގައި އޮތް މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މުންދު ވިދާޅުވީ ކުރިއަށްދާނެ ގޮތެއް ކަނޑައަޅާނީ ޕިޕީއެމްގެ ލީޑަޝިޕާ މެދު ގޮތެއް ނިންމަން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ނިމޭ ގޮތަކުން ކަމަށެވެ. އަދި އެ މައްސަލާގައި ކޯޓަށް ގޮސްފައިވަނީ އިލެކްޝަންސް ކޮމިޝަނުން ކޮންމެ އެއްޗެކޭ ބުނި ނަމަވެސް އިޖުރާއަތުތައް ފުރިހަމަ ކުރިކަން ޕީޕީއެމަށް ގަބޫލު ކުރެވޭތީ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.