ބޭއިންސާފުން ދީފައިވާ ފްލެޓުތަކުން މީހުން ނެރެ އެހެން ބަޔަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅަކީ ދިއްދޫ ފްލެޓުތަކާ ގުޅިގެން ދެއްކެވި ވާހަކަފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ދިއްދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ބޭއިންސާފުން ބަޔަކަށް ފްލެޓްތަކެއް ދިނަސް އެތަނުން މީހުން ނެރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އެހެން ބަޔަކަށް ފްލެޓް ދޭންޖެހޭ ނަމަ ދެން ޖެހޭނީ އަނެއްކާ ވެސް ފްލެޓް އިމާރާތް ކުރަން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
"ކޮންމެ ގޮތެއް ވިޔަސް، އިންސާފަށް ވިޔަސް، ބޭއިންސާފަށް ވިޔަސް އެތާ ތެރޭގައި އުޅެނީ ހަމަ ދިވެހިން. މިފަހަރު ދިއްދޫ މީހުން [ފްލެޓުތަކުގައި އުޅެނީ]. އެ މީހުން އެތަނުން ނެރެފައި، އެތަން އެހެން މީހަކަށް ދިނުމުގެ ހިތެއް އަޅުގަނޑުގެ ގައިމު ނެތް. އެހެންވީމަ [ފްލެޓުތައް] އަލުން ހަދަން ޖެހޭނީ. އަލުން އަޅަން ޖެހޭނީ. ގޯސްކޮށް ދެވިފައި އޮތަސް ވެސް، އެ އޮތީ އެގޮތަށް ގޯސްކޮށް. އެކަމަކު އެ ހުރީ ދެވިފައި،" ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ދިއްދޫ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި މާލެ ވަޑައިގެން ހޮނިހިރު ދުވަހުގެ ރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިއްދޫގައި އެމަނިކުފާނު ވިދާޅުވީ އެ ރަށުގައި އިމާރާތްކޮށް، މީހުންނަށް ދީފައިވާ ފްލެޓުތަކުގެ ވާހަކަ ކަމަށެވެ. އެމަނިކުފާނުގެ އެ ވާހަކަފުޅަކީ ބޭއިންސާފުން ހުޅުމާލެއިން ދިނުމަށް ލިސްޓުކޮށްފައިވާ ފްލެޓުތަކުގެ ވާހަކަ ނޫން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
Flat aai gulhey gothun alhugandu khaasa gotheh gai dhennevee Dhidhdhoo gai imaaraiykoh adhi meehunnah dheefaivaa flat thakuge vaahaka. Hulhumale’ gai beyinsaafun dhinumah listu hadhaafaivaa flat thakeh noon
— Mohamed Nasheed (@MohamedNasheed) November 10, 2018