އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގެސްޓްހައުސް ވިޔަފާރިއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފިއެވެ.
އިންތިހާބީ ރައީސަށް މަރުހަބާ ދެންނެވުމަށް ހޮނިހިރު ދުވަހުގެ ރޭ ރެހެންދި ސްކޫލުގައި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާގައި ގެސްޓް ހައުސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތުގައި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތުގައި އިންތިހާބީ ރައީސް ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް އާއި ކުރީގެ ރައީސް ނަޝީދަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ، ގެސްޓްހައުސް ވިޔަފާރިއަށް ރައީސް ސޯލިހުގެ ވެރިކަމެއްގައި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އެގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ގެސްޓްހައުސްތަކަށް ހާއްސަ ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. ގެސްޓްހައުސް ވިޔަފާރިތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށާއި އެ ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް، ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަލީ ގޮތުން ބޭނުންވާ ފައިސާ ހޯދުމުގެ ދަތިތައް ކަމަށެވެ. މިކަންކަމަށް ހައްލުތަކެއް ގާއިމް ކުރުމަށް މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހުރި ކަމަށް ކަރަމް ވިދާޅުވިއެވެ.
"ޖަޒީރާ މުޅިމެނިފެސްޓޯ އަކީ ގެސްޓްހައުސް ވިޔަފާރިއަށް ފަހިވާގޮތަށް އޮތް މެނިފެސްޓޯއެއްގެ ގޮތުގައި. މި ހަފްލާއަކީ މިކަން ކުލަ ގަދަކޮށް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއް.." ކަރަމް ވިދާޅުވިއެވެ.