ރައީސް އަބްދުﷲ ޔާމީންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރި ފްލެޓުތައް ބޭއިންސާފުން ބަޔަކަށް ދީފައި ވިޔަސް ވެސް، އެ ފްލެޓުތަކުން މީހުން ނެރެ، އެހެން ބަޔަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިއްދޫ އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ހޮނިހިރު ދުވަހު ރައީސް ނަޝީދު ވިދާޅުވީ ބޭއިންސާފުން ބަޔަކަށް ފްލެޓްތަކެއް ދިނަސް އެތަނުން މީހުން ނެރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އެހެން ބަޔަކަށް ފްލެޓް ދޭންޖެހޭ ނަމަ ދެން ޖެހޭނީ އަނެއްކާ ވެސް ފްލެޓް އިމާރާތް ކުރަން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިޝާރާތް ކުރެއްވީ ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ބޭއިންސާފުން ބަޔަކަށް ދީފައިވާ ކަމަށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ރަށުގެ ރައްޔިތުން، އެމަނިކުފާނަށް އަމާޒު ކުރެއްވި ސުވާލުތަކާ ގުޅިގެންނެވެ.
"ކޮންމެ ގޮތެއް ވިޔަސް، އިންސާފަށް ވިޔަސް، ބޭއިންސާފަށް ވިޔަސް އެތާ ތެރޭގައި އުޅެނީ ހަމަ ދިވެހިން. މިފަހަރު ދިއްދޫ މީހުން [ފްލެޓުތަކުގައި އުޅެނީ]. އެ މީހުން އެތަނުން ނެރެފައި، އެތަން އެހެން މީހަކަށް ދިނުމުގެ ހިތެއް އަޅުގަނޑުގެ ގައިމު ނެތް. އެހެންވީމަ [ފްލެޓުތައް] އަލުން ހަދަން ޖެހޭނީ. އަލުން އަޅަން ޖެހޭނީ. ގޯސްކޮށް ދެވިފައި އޮތަސް ވެސް، އެ އޮތީ އެގޮތަށް ގޯސްކޮށް. އެކަމަކު އެ ހުރީ ދެވިފައި،" ދިއްދޫއަށް ކުރައްވާ ދަތުފުޅުގައި އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް، ހުރަހެއް ނެތި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަންކަން ހުށަހެޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން ދިއްދޫ ރައްޔިތުންގެ ޝަކުވާތައް އިންތިހާބީ ރައީސަށް ހުށަހަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ "ހިޔާ މަޝްރޫއު"ގެ ދަށުން ދޫކުރި 7،000 ފްލެޓު ވެސް އޭގެ ހައްގުވެރިންނަށް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެގޮތުން ފޯމު ހުށަހެޅި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމެއް ނެތި ހައުސިން މިނިސްޓްރީން ވަނީ އެ ފްލެޓުތައް ލިބޭ މީހުން ކަނޑައަޅައި، ގެޒެޓް ވެސްކޮ ށްފައެވެ. އަދި މި ހަފުތާގެ ތެރޭގައި ލިޔުން ވެސް ހަވާލުކޮށް ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ.