"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ލިބުނު ކަމުގެ ލިޔުން މި ހަފްތާގައި ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓް ލިބުނު ކަމުގެ ގާނޫނީ ލިޔުން މި ހަފުތާގައި ހަވާލުކުރަން ފަށާފައިވާއިރު، އެ ގާނޫނީ ޑޮކިއުމެންޓް އޭގެ ފަހުން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީ އިން ވަނީ ފްލެޓް ލިބޭ ފަރާތްތަކަށް އަންގާފައެވެ. ހައުސިން މިނިސްޓްރީން ބުނީ އެ ލިޔުން ހިފައިގެން ކޯޓަށް ވެސް ދެވޭނެ ކަމަށެވެ.
ހައުސިންގ މިނިސްޓްރީ އިން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ދެމަފިރިންނަށް ލިބިފައިވާ ފަރަތްތައް އެ މިނިސްޓްރީ އަށް ހާޒިރުކޮށް ފްލެޓް އިހްތިޔާރުކުރުމުގެ ފުރުސަތު ދީފައެވެ. އަދި އެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީން ވަނީ އެ ފަރާތްތަކުގެ ސުވާލުތަކަށް ވެސް ޖަވާބު ދީފައެވެ.
ނަރުހުންނާއި ޑޮކްޓަރުން އަދި ޓީޗަރުންގެ ފިރިން ނުވަތަ އަނބީންނަށް ފްލެޓް ލިބުނު ކަމުގައިވި ނަމަވެސް، އެ ފަރާތްތަކާއި ފްލެޓް ހަވާލެއް ނުކުރެއެވެ. ހައުސިން މިނިސްޓްރީން ބުނީ އެހެން ކެޓަގަރީތަކުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ނަމަ ދެމަފިރިންގެ ނަމުގައި ނުވަތަ ދެމަފިރިންގެ ތެރެ އިން ބޭނުންވާ ފަރާތެއްގެ ނަމުގައި ފްލެޓް ރަޖިސްޓްރީކުރުމުގެ އިހްތިޔާރު ލިބިގެންދާނެ ކަމަށާއި ނަމަވެސް ނަރުހުންނާއި ޑޮކްޓަރުން އަދި ޓީޗަރުންގެ ކެޓަގަރީން އެ ފުރުސަތު ނުލިބޭނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ކުރަމުން އަންނަ ހަމައެކަނި މަސައްކަތަކީ ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުން ކަމަށާއި ބާކީ ހުރި މަސައްކަތްތައް ކުރާނީ އެޗްޑީސީ އިން ކަމަށެވެ. އެގޮތުން ފްލެޓްތަކުގެ އެގްރީމެންޓް ހެދުމާއި އެ ނޫން ވެސް ފްލެޓާ ގުޅޭ ކަންކަން ނިންމާނީ އެޗްޑީސީން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނީ "ހިޔާ" މަޝްރޫއުގެ ދަށުން މިހާރު ތަރައްގީކުރަމުން އަންނަ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް މި އަންނަ އަހަރުގެ އޭޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި ނިމި އެތަންތަނަށް ވަދެވޭ ވަރުވާނެ ކަމަށް ކޮންޓްރެކްޓަރުންނާ ހަވާލާދީ އެޗްޑީސީން ބުނެފައިވާ ކަމަށެވެ. އެ ފްލެޓްތައް ތަރައްގީކުރަނީ 25 ބުރީގެ 16 ޓަވަރުގައި ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރާ މި ތަންތަނުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް އެބަދެއެވެ.
ފްލެޓްތަކުގެ ލިޔުން ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަން ފަށާފައިވާ އިރު ފްލެޓްތައް ދިން ގޮތާ މެދު ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ލިސްޓް ފައިނަލްކުރި އިރު ހަމައެކަނި ދީފައިވާ މައުލޫމާތުތަކަށް ބަރޯސާވެ އެކަށީގެންވާ ވަރަށް ޗެކްކޮށްފައި ނެތުމާއި އެއް ޝަރުތުތަކެއް ހަމަވި ނަމަވެސް އެއް ބަޔަކަށް ލިބިފައި އަނެއް ބަޔަކަށް ފްލެޓް ނުލިބުމުގެ މައްސަލަ ވެސް ފާހަގަކުރެވިފައި ވެއެވެ. އަދި މީގެ ކުރިން ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ޓާޓާ ފްލެޓަކުން ބައެއް އޮފީސްތަކާއި ދާއިރާތަކަށް ހާއްސަކުރި ފްލެޓް މިހާރު ލިބިފައިވާ ފަރާތްތައް ވެސް ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓްގައި ހިމެނިފައިވުން ފަދަ ބޮޑެތި މައްސަލަތައް ފާހަގަކުރެވިފައި ވެއެވެ. މީގެ އިތުރުން ސަރުކާރު ބަދަލުވާން ހަފުތާއަކަށް ކުޑަތަން ވެފައިވަނިކޮށް އަވަސް އަރުވާލައިގެން ފްލެޓްތަކުގެ ލިޔުން ދޫކުރާތީ ވެސް ގިނަ ބަޔަކު ދަނީ އެކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.